އުލިގަމު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. އުލިގަމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން...

18 Jul 2023 | 03:01

ހއ. އުލިގަމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން، 10,400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 46,181 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި، 21,708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ އިތުރަށް، 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމެވެ.

މީގެ އިތުރަށް، 300 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 183 މީޓަރުގެ ސަރަޙައްދެއްގައި ވެލިފުރާފައިވާ އައުޓަރ ބޭރުތޮށްޓެއް ލުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ވެލިފުރާފައިވާ އިނަރ ބޭރުތޮށްޓެއް ލުމާއި، އަދި 238 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއ، މޫރިންގ ބޯއީސް ހަރުކުރުންވެސް މި މަޝްރޫޢުގެ ދަށުން ހިމެނޭކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 25 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 100 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ އިތުރުން، ބަނދަރު ބައްތި ހަރުކުރުމާއި، 2200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، 390 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ 73.88 މިލިއަން ރުފިޔާއަށް 600 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް