ތަރައްގީގެ މަޝްރޫއުތަކަކީ ކޮންމެ ކޮންމެ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް މ. އަތޮޅާއި ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވ. ތިނަދޫގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެ ދެ އަތޮޅަކީވެސް ކުރީގެ ސަރުކާރުތަކުގަ އަޅާނުލެވި ދޫކޮށްލާފައި އޮތް ދެ އަތޮޅު ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ފޯރު ނުކޮށްދުވުމުގެ ސަބަބުން ރަށް ދޫކޮށް ހިޖުރަ ކުރަން ޖެހުނު އެތައް ބަޔަކު އެ ދެ އަތޮޅުގައިވެސް ތިބޭނެ ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ ސަރުކާރުން މިކަމަށް ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ނެތުމުން ދަރިންނާއެކުގައި ހިޖުރަކުރަން ޖެހުމުގެ ސަބަބުން ތިނަދޫގައި ދިރިއުޅޭ އާބާދީ75 މީހުންނަށް މަދު ވެފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ނަމަވެސް ކޮންމެ ރަށަކަށްވެސް އަސާސީ ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާތީ، ތިނަދޫގައިވެސް މަޝްރޫއުތައް ހިންގާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ތިނަދޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމި، ރަނގަޅު ސިއްހީ ހިދުމަތެއް އެރަށުން ލިބޭނެގޮތް ފަހިކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ އަމާޒު ވަރަށް ސާފު ކަމަށާއި، އެއީ "އުފާވެރި އަމާން ރާއްޖެ"އެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
"މިކަން ވާނީ ގިނަ ބައެއްގެ ވިސްނުން އެކުވެ އުފެދޭ ސަރުކާރަކުން. އަމާޒަކީ އެއީ. ރާއްޖޭގައި މިއޮތް ތަފާތު ހިޔާލުގެ މީހުންނާއެކީގައި ކަންތައްތައް ކުރުން" ރައީސް ވިދާޅުވިއެވެ.
އަދާލަތު ޕާޓީއާއި އެމްޑީއޭ، އެމްޑީޕީއާ އެކުގައި އެތިބީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނިންމުންތައް ނިންމާނީ މި އުފާވެރި އަމާން ރާއްޖެ ރައްޔިތުންނަށް ހޯދައިދިނުމުގައި ގުޅިފައިވާ ޕާޓީތަކުގެ މަޝްވަރާއާއެކީގައި ކަމަށް ވިދާޅުވިއެވެ.
ސަރުކާރެއް ހިންގާއިރު އަދި ތަރައްގީ ވަމުން އަންނަ ގައުމެއްގައި މިކަން ކުރަން ޖެހޭނެ ގޮތަކީ މިއީ ކަމަށާއި ކޯލިޝަނަކާއެކު ކުރިއަށް ދަނީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް އެކަނިވެސް ނިކުމެވިދާނެ. އެހެން ނަމަވެސް އެއީއަކީއެއް މި ގައުމަށް އެންމެ ބޭނުންތެރި ގޮތެއް ނޫން އަދި. މި ގައުމަށް އެންމެ ރަނގަޅު ގޮތް ހޯދޭނީ މިފަދަ ކޯލިޝަނަކާ އެކީގައި" ރައީސް ވިދާޅުވިއެވެ.
ތިނަދޫގެ ބަނދަރު ކުޑަވެ، ކުރެވިފައި ހުރި އިންވެސްޓްތަކާއެކު ލަފާފުރާ އުޅަނދު ގިނަވެއްޖެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިހާރު އޮތީ އެ މަސައްކަތް ބަޔަކާ ހަވާލު ކުރެވިފައ ކަމަށެވެ. އަދި ތިނަދޫގެ ރަށް ގިރުމުގެ މައްސަލަވެސް ހައްލުކޮށްދޭން މަސައްކަތް ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް