ވ. ތިނަދޫގެ އައު އިންޖީނުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިފިއެވެ.
މި އިންޖީނުގެ އަޅާފައިވަނީ ތިނަދޫގައި ކުރިން ކަރަންޓުގެ ހިދުމަތްދެމުންގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އިންޖީނުގެ ދުމާއި، އަޑުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި، އަދި ފަތުރުވެރިންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދިއުމާއި ގުޅިގެން، އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އެ ރަށުގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެއްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ނަމަވެސް، އިއްޔެ އަލަށް ރަސްމީކޮށް ހުޅުވުނު އިންޖީނުގެ ހުޅުވުމާއި ހަމަޔަށްވެސް، ބައު އިންޖީނުގޭގައި އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ސްޓެލްކޯއިން ވާނީ ފޯރުކޮށްދީފައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރަށް ބައު އިންޖީނުގެއިން ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކުން ސަލާމަތްކޮށްދެއްވާނެ ކަމަށް، ތިނަދޫގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ގައި ވެވަޑައިގެންނެވި، ވައުދާ އެއްގޮތަށް މިއަދު ތިނަދޫގައި ރަސްމީކޮށް، ހުޅުވި އިންޖީނުގެއަކީ އެންމެ ޒަމާނީ، އަޑުމަޑު އިންޖީނުގެއެއް ކަމަށް ސްޓެލްކޯ އިން ހާމަކޮށްފައިވެއެވެ.
ސްޓެލްކޯއިން ބުނީ ތިނަދޫގެ އައު އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އަދި އަދި ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެއް ކަމަށެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަ ކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގެ އައު އިންޖީނުގޭގެ ފުރާޅުގައިވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.
ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު، ސްޓެލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް