ފުލިދޫ ސްކޫލުގައި އޭ ލެވެލްއަށް ކިޔަވައިދޭން ފަށަނީ

ފުލިދޫ ސްކޫލުގައި އަންނަ އަހަރު އޭ ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅ...

18 Jul 2023 | 02:48

ފުލިދޫ ސްކޫލުގައި އަންނަ އަހަރު އޭ ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅުގައި ފުލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އަބަދުވެސް ބަދަލު ކުރަންޖެހޭ ކަންތައްތައް ހުންނާނެ ކަމަށާއި ތަރައްގީއަށް ކުރަންޖެހޭ ކަންތައްތައް ހުންނާނެ ކަމަށެވެ. އެގޮތުން ކޮންމެ ރަށަކުންވެސް އެ ރަށަކަށް ދެން ބޭނުންވާ ކަންތައްތައް ރައްޔިތުން ހިއްސާ ކުރަމުން ގެންދާ ކަމަށެވެ.

ކުރިއަށްއޮތް ދައުރަށް އެމްޑީޕީގެ މެނިފެސްޓޯ ނިމުމަގާ ގާތަށް ދާއިރު، މެނިފެސްޓޯ އާއްމުކުރެވިގެން ދާނީ ކޮންމެ ރަށަކަށްވެސް އަދި ކޮންމެ އަތޮޅަކަށްވެސް ވާ ވައުދުތައް ހިމަނައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ކުދިބޮޑު ރައްތަކަށް ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ފުލިދޫއަށްވެސް މަސައްކަތްތަކެއް ކޮށްދެވިއްޖެ ކަމަށެވެ.

އަދި ކުރިއަށްއޮތް ތަނުގައި ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ގެންނަން ޖެހޭ ބަދަލެއް ގެންނާނެ ކަމަށާއި ބަނދަރުގެ މަސައްކަތަށް އަމަލީ ސިފައެއް ގެނެސްދީ، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ފުލިދޫގެ ސިއްހީ މަރުކަޒަކީ ދުވަސްވެ، އާ އިމާރާތެއް ބޭނުންވެފަ ހުރި ތަނެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ފުލިދޫއަށް ކޮށްދޭ ކަންތައްތަކުގެ ތެރޭގައި އާ ސިއްހީ މަރުކަޒެއް ގާއިމު ކުރެވި އިތުރު ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް