ފުލުހުން ހައްޔަރުކޮށްފައިވާ ޝައިޚް ފަޒްލޫން ބިން މުހައްމަދާއި ޝައިޚް އާދަމް ނިޝާން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އެ ދެ ޝައިޚުން ހައްޔަރުކޮށްފައިވަނީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ޝައިޚުން ހައްޔަރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ރޭގެ ވަގުތެއްގައެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް ނިންމިކަމެއް އަދިނޭނގެއެވެ.
ބައިނަލްްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ދުވަހު ބޭއްވި ހަރަކާތަށް ވަނީ ބަޔަކު ވަދެ، ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.
ޝައިޚް ފަޒްލޫން އާއި ޝައިޚް ނިޝާން ގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ޝައިޚް ނިޝާންގެ ބަންދަށް 13 ދުވަސް އިތުރުކޮށްފައިވާއިރު، ޝައިޚް ފަޒްލޫންގެ ބަންދަށް 16 ދުވަސް ވަނީ އިތުރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ ޝައިޚުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ވަނީ އިސްލާމިކް މިނިސްޓްރީން ހިފަހައްޓާފައެވެ.
އެ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ހިމެނޭގޮތަށް 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން 20 މީހަކު ބަންދުގައި އަދިވެސް އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް