އިއްޔެ (ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި) އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ތޮއްޑުއަށާއި ހުޅުލެއަށް ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ތޮއްޑޫއަށް 147 މިލިމީޓަރުގެ ވާރޭ އަދި ހުޅުލެއަށް 139 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ކ. ގުރައިދޫއަށް74 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު، 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވަނީ ސ. ގަމަށާއި އެއީ ނޮވެމްބަރު 24، 2015ގައި ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެދުވަހު ސ. ގަމަށް 228 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް ބުނެއެވެ.
މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
އުތުރާއި މެދުރާއްޖޭގެ ސަރަހައްދަށް، ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މެޓުން ބުނެފައިވާގޮތުގައި ކަނޑުތައް އުތުރާއި މެދުރާއްޖޭގައި އާދައިގެވަރަކަށް ގަދަވެފައި، ދެކުނުގައި އާދައިގެވަރަކަށް މަޑުވާނެއެވެ. ވިލާގަނޑުގައިި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެކަމަށް ބުނެފައިވެއެވެ.
ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް