ކޯލިޝަން ޕާޓީތަކުގެ ނުފޫޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އޮތްކަމަށް ބުނުން ރަނގަޅު ނޫންކަމަށް ވިދާޅުވެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ރައީސް ނަޝީދަށް ރައްދުދެއްވައިފިއެވެ.
ޖީހާން މިފަދައިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއި އެމްޑީޕީގެ އެތެރޭގެ ކޯޅުމާ ގުޅޭގޮތުން އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އެގޮތުން ޖީހާން ވިދާޅުވީ ރައީސް ޞާލިހް އެމަނިކުފާނު ވައުދުވެލައްވާފައިވާ ކަންކަން ފުއްދަމުންދާ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދު ފާހަގަކުރައްވާ މައްސަލަތަކަކީވެސް ސީރިއަސް މައްސަލަތަކެއް ކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ.
ހަރުކަށި ފިކުރާއި ދެކޮޅަށް ރައިސް ޞާލިހުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ޖީހާން ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ހިންގާ މިފަދަ ކަންކަމުގައި އިސްކޮށް އުޅޭމީހުން ދެނެގަނެ ދައުވާކުރަމުންދާކަން ފާހަގަކޮށްފައެވެ.
"ކޯލިޝަން ޕާޓްނަރުންގެ ނުފޫޒު ރައީސް ސޯލިހަށް އޮތޭ ބުނުން ރަނގަޅެއް ނޫން. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނާ އެކު، އެ ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާނެ. ރައީސް ޞާލިހް އިސްވެ ކޯލިޝަން ރޫޅައެއް ނުލައްވާނެ." ޖީހާން ވިދާޅުވި ކަމަށް އެ ނޫހުގައި ވެއެވެ.
ޖީހާން މިހެން ވިދާޅުވި އިރު، ނަފްރަތުގެ ބިލާ ދެކޮޅަށް އަދާލަތު ޕާޓީން ތެދުވުމުން އެ ބިލަށް ސަރުކާރުން ކުރި ތާއިދު އަނބުރާ ގެންދިއުމާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ ސަރުކާރު ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ބަހުން ބަޔާނެއް ނެރިފައި ވެއެވެ.
ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ކޯލިޝަންގެ އެހީތެރިކަމާ އެކު މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސް ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށާއި އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވީ، ނަފްރަތުގެ ބިލު ފާސްކުރަން އެމްޑީޕީގެ ލީޑަޝިޕް ނުދެކޭ ނަމަ ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށެވެ.
ނަޝީދުގެ ބަޔާނުގައި ހުރި ވާހަކަތައް ދޮގުކޮށް، އަދާލަތު ޕާޓީން ވެސް ރައްދުގައި އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނީ، ދިވެހިންނަކީ ހައްދު ފަހަނައެޅި ބައެއް ކަމަށް ލޭބަލްވާ ގޮތަށް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި އެ ކަން ކުށްވެރިކުރާ ކަމަށެވެ.
އެއީ، މިނިވަންކަމާއި އިގްތިސާދު ކުރި އެރުވުމުގެ ނަމުގައި އަމިއްލަ ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި ނެރެފައިވާ ބަޔާނެއް ކަމަށް އަދާލަތުން ބުނެ އެވެ.
"ޑިމޮކްރެޓިކްކޮށް އިންތިޚާބު ކޮށްފައިވާ ސައްހަ ރައީސެއްގެ ބާރުކަނޑުވައިލަން ކުރާ މަސައްކަތް އަހަރެމެން ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަމެވެ،" މި ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތްކުރި އެއް ޕާޓީ އަދާލަތުގެ ބަޔާނުގައި ބުންޏެވެ.
އެ ޕާޓީން ބުނީ، ކައިރި މާޒީއެއްގައި ސިޔާސީ ގޮތުން ކާމިޔާބު ހޯދިފައި ނުވާ ފަރާތްތަކުގެ ފަރުދީ އުއްމީދުތައް ކުރިއަށް ނެރެ، އެއީ ގައުމީ މައްސަލައަކަށް މިހާރު ހަދާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް