ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ބައިބައިވިޔަ ނުދޭނެކަމަށް އެޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު އަދި ހާއްސަ ގޮތެއްގައި އެމްޑީޕީ ތެރޭގެ ހާލަތާ ގުޅޭގޮތުން އެ ނޫހާ ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާއިރު، ވިދާޅުވީ "ހަރުކަށި ފިކުރުގެ މީހުން ރުއްސުމަކީ" ސިޔާސީ ބޭނުންތަކަށް ރާއްޖޭގައި ކުރާ އަދި ހާއްސަކޮށް އިންތިހާބުތަކާ ދިމާކޮށް ކުރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް މި މިސްރާބަށް ކަންކަން ދާނަމަ މަދު އަހަރުތަކެއްގެ ތެރޭގައި ގައުމު އެ ގެންދެވެނީ ނުރައްކާތެރި މަންޒިލަކާ ދިމާލަށްކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ މެދުގައި މިގޮތަށް ހިޔާލުތަފާތު ވުމަށް ބޭނުންނުވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވިހާ ހިނދަކު ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދުނު ނުދޭނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިއީ އެއް ފިކުރެއްގެ މީހުން އެއްގަލަށް އަރަންވީ ވަގުތުކަމަށާއި، އަދި އެއީ ޕީޕީއެމް ކަމުގައިވާނަމަ އެމީހުންނާއެކުވެސް މަސައްކަތްކުރަން ތައްްޔާރަށް ހުންނެވިކަމަށެވެ.
ނަޝީދު މިހެން ވިދާޅުވިއިރު އެ މަނިކުފާނުގެ ސަބަބުން އެމްޑީޕީގެ އެތެރޭގައި ވަނީ ހިޔާލުތަފާތުވުން އުފެދި ޕާޓީ ދެފަޅި ވެފައެވެ. އެ ގޮތުން ޕާޓީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހާ ހިޔާލު ތަފާތު ކަމަށް ވިދާޅުވެ އެ މަނިކުފާނު ވަނީ ސަރުކާރަށް ފާޑުވިދާޅުވާން ފަށާފައެވެ.
އޭގެ ސަބަބުން ރައީސް ޞާލިޙްގެ މެމްބަރުންނާއި ރައީސް ނަޝީދުގެ މެމްބަރުންގެ ދެމެދުގައި ދަނީ ތަފާތު ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންނެވެ.
ކަން މިހެން ހިނގަމުންދާ ނަމަ އެމްޑީޕީއަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވެދާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް