ބަންދުގައި ކުށް މަދުކުރުމަށް މަގުމަތީގައި ހާއްސަ އޮޕަރޭޝަނެއް ހިންގަނީ

އީދު ބަންދުގައި ކުށް މަދުކުރުމަށް މަގުމަތީގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފުލުހުން ނިންމައިފިއެވެ. ފުލުހުން ބުނީ، ގޯތި ގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން އޮފީސް ތަކުންވެސް ވައްކަ...

18 Jul 2021 | 08:04

އީދު ބަންދުގައި ކުށް މަދުކުރުމަށް މަގުމަތީގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ، ގޯތި ގެދޮރާއި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކުގެ އިތުރުން އޮފީސް ތަކުންވެސް ވައްކަންކުރަމުންދާތީ ވައްކަންކުރިޔަ ނުދިނުމަށް ނުވަތަ ވައްކަންކުރުން މަދަކުރުމަށް މާލެ ތެރޭގައި ދަންވަރުގެ ވަގުތުތަކުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވާނެ ކަމަށެވެ.

ފުލުހުން ބުނީ، ވައްކަންތައް ހިނގިޔަ ނުދިނުމަށް، ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ތިބޭ މީހުން އިތުރަށް ހޭލުންތެރި ކުރުވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަަސައްކަތްވެސް ކުރަމުންދާނެ ކަމަށާއި، އާއިލާތަކާ ވަކިން އެކަނި ދިރިއުޅޭ އިސްރަށްވެހިން ފާހަގަކޮށް އެ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލު ބަލައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރުވެސް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ، ސިނަމާލެ ބްރިޖާއި މަގުތައް އަދި ޕާކުތައް ހިމެނޭ ސަހަރައްދުތަކުގެ އިތުުރުން ކަފިހި ހުރަސްތަކުގައިވެސް ޓްރެފިކް ފުލުހުން ބަންދުތެރޭގައި ހަރަކާތްތެރިވަމުންދާ މިންވަރު އިތުރުވާނެ ކަމަށެވެ.

މީގެ އިތުރުން ދަތުރުފަތުރުކުރާ އުޅަނދުތަކަށް އަރުވާ އަދި އުޅަނދުތަކުން ބާލާފައި ހުންނަ މުދާ ވަގަށް ނަގާ މައްސަލަތައްވެސް ހިނގަމުންދާތީ އޮޑިވެރިންގެ ސަމާލުކަމަށް އެކަން ގެނެސް އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ހިއްސާކުރަމުންދާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް