އެމްޑީޕީގެ ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް އެމްޑީޕީގެ ޒުވާނުން ގޮވާލައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މައި ޕާޓީއެއްގެ ގޮތުގައި އޮވެގެން ހިންގަމުންދާ ކޯލިޝަން ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް އެ ޕާޓީގެ "ޒުވާނުންގެ ހިތްވަރުން" ގޮވާލައ...

18 Jul 2021 | 05:46

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މައި ޕާޓީއެއްގެ ގޮތުގައި އޮވެގެން ހިންގަމުންދާ ކޯލިޝަން ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް އެ ޕާޓީގެ "ޒުވާނުންގެ ހިތްވަރުން" ގޮވާލައިފިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ޞާލިހާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް ނެރުނު ބަޔާނެއްގައި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުން ނެރުނު ބަޔާނެއްގައި ބުނީ، ޒުވާނުންގެ މުސްތަގުބަލު ސަލާމަތްކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެން ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށް, އެމްޑީޕީ އިން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެންކަމަށާއި, ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް ޒުވާނުންގެ ހިތްވަރުން ގޮވާލާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގާ އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތަށް ބޮލާލާނުޖެހުމަށް ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ފުރިހަމައަށް ތާއީދުކުރާކަމަށެވެ.

ބަޔާނުގައި ބުނީ، އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުން ކަމަށާއި މިގޮތުން 2018 ގެ ރިޔާސީ އިންތިހާބުގަޔާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގާވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭންގި ގެއްލުވާލާ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުއްﷲ އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއިއެކު އެމީހުންގެ ބޮލުގާ ވަކި ލޭބަލްތަކެއް އަޅުވާ, އެމީހުންނާއި މެދު މުޖުތަމައުގައި ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން، އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމުގެ ބިލު ފާސްކޮށްގެން ކަމަށް ބަޔާނުގައި ބުންޏެވެ.

އެހެން ނަމަވެސް, ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން, ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް, މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް ކަމަށް ވެސް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް