ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ އެމަނިކުފާނު އަމިއްލަފުޅަށް ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގެ ޖާގަ ދިނުން ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ "ސަންގު ޓީވީ"ގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުންނެވެ. އަލްހާން ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ނުވާ ކަމާއި ބައެއްގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިސްނުމަކަށް ޖާގަ ދެމުން ދިޔައީ ވެސް ނަޝީދުގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން، އަލްހާން ވިދާޅުވީ ހުޅަނގު ގައުމުތަކުގެ ސަގާފަތް ރާއްޖެއަށް ގެންނަން ނަޝީދު މަސައްކަތް ކުރުމަކީ ރާއްޖޭގައި ހައްދުފަހަނައެޅުމާއި މަގުމަތީ އިންސާފު ހޯދުމުގެ ވިސްނުން ބަޔަކުގެ ތެރޭގައި ފެތުރެން ފެށި އެއް ސަބަބު ކަމަށެވެ.
"މި ދަންނަވަނީ ރައީސް ނަޝީދުގެ ސަބަބުންނޭ އެ ބޮން ގޮވަން ޖެހުނީ." ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާޢިރާގެ މެމްބަރު ކަން ވެސް ކުރެއްވި އަލްހާން ވިދާޅުވިއެވެ
އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ އެފަދަ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމަށް އަސަރު ކުރާ ކަމަށާއި އެމަނިކުފާނުގެ ވާހަކަތައް ހުންނެވީ ލާދީނިއްޔަތުގެ ދައުލަތެއް ގެންނަން އުޅޭ ފަދަ ގޮތަކަށް ކަމަށެވެ. އަލްހާން ވިދާޅުވީ އޭނާ ވެސް ދީނާ ޚިލާފު ވާހަކަތަތައް ދައްކާ ނަމަ މީހުން ރުޅި ގަދަވާނެ ކަމަށެވެ.
ދިވެހިރާއްޖެއަކީ މުސްލިމު ދައުލަތެއް ކަމަށާއި ރާއްޖެ އޮންނާން ޖެހޭނީ އެ ގޮތުގައި ކަމަށް އަލްހާން ވިދާޅުވިއެވެ. އެހެން މިސްރާބަކަށް ރާއްޖެ ގެންދިއުމަކީ ރާއްޖޭގެ ސުލްހަ ގެއްލޭނެ ކަމެއްކަން މިހާރު ވެސް ފެންނަން އެބަ އޮތް ކަމަށް އަލްހާން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް