ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދިރިއުޅުއްވާ މ. ސްނޯ ރޯޒް ބަލާ ފާސް ކުރުމަށް ފުލުހުން އެގެއަށް ވަދެއްޖެ އެވެ.
ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފާރިސް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރަމުންދާ ކަމަށެވެ. ފާރިސް ދިރިއުޅުއްވަނީ އަނބިކަނބަލުންގެ ބައްޕާފުޅުގެ ގޭގައި އެވެ.
ފާރިސް ދިރިއުޅުއްވާ ގެ ބަލާ ފާސް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއި ކުރައްވާ ނެރުއްވާފައިވާ ކޯޓޫ އަމުރުގެ ދަށުން މިއަދު ހެނދުނު 6:00 ން ހަވީރު 6:00 އަށް އެގެ ބަލާ ފާސްކުރެވެ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ މައްސަލައިގެ ހެކި ހޯދުމަށް ފާރިސް ގެންުގުޅުއްވާ ލެޕްޓޮޕާއި ޗެކު ފޮތްތަކާއި ބޭންކްތަކަށް ހުށަހަޅާ ލިޔުންތަކާއި ސްޓޯރޭޖް ޑިވައިސް އާއި ރިޝްވަތުގެ މައްސަލައާ ގުޅޭ އެހެނިހެން ތަކެތި ބެލުމުގެ ހުއްދަދޭ ކަމަށެވެ. ފާރިސްއާ ދެކޮޅަށް އިންޓެލިޖެންސްގެ ސިއްރު މައުލޫމާތާއި ހެއްކެއްގެ ހެކި ބަހާއި ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލާއި މައްސަލައާ ގުޅުން ހުރި ވީޑިއޯއެއްގެ އޯޑިއޯ ސްކްރިޕްޓް ލިބިފައިވާ ކަމަށް ވެސް އަމުރުގައިވެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން އެ ގެއަށް ދިއުމުން ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަޑައިގެންނަވަންދެން މަޑު ކުރެއްވުމަށް އެދުނެވެ. ފުލުހުން އެގެއަށ ްވަދެފައިވަނީ މައުމޫން ހަމީދު ވަޑައިގެންނެވުމުންނެވެ.
މީގެ ކުރިން ފުލުހުން ބުނެފައިވަނީ މެންބަރުންނަށް ރިޝްވަތު ދިނުމަށް އިތުރު ބަޔަކާއި ފާރިސް ބައިވެރިވި ކަމުގެ ސާބިތު ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް