ހަމަސް ދުވަހު، ފަސް މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވުނު: ޕޮލިސް

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް -/5768700 ރުފިޔާ އަރާނެކަމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާމަކޮށްފި އެވެ. ފުލުހުން ބުނީ މަސްތުވާ...

18 Jul 2015 | 16:07

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް -/5768700 ރުފިޔާ އަރާނެކަމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ ރައްކާތެރި މާޙައުލެއް ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުން 2015 ވަނައަހަރުގެ ފުރަތަމަ ހަ މަސްދުވަސް ނިމުނުއިރު މަސްތުވާ ތަކެތީގެ އެކި މައްސަލަތަކުގައި 975 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.

"މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މަސްތުވާ ތަކެއްޗާ ގުޅުންހުރި 56 އޮޕަރޭޝަނެއް މާލެއާއި ރާއްޖޭގެ އެކި ރައްތަކުގައި ވަނީ ހިންގާފައި، މީގެތެރެއިން 45 އޮޕަރޭޝަނެއްގައި ފާރަ ބޭނުން ކޮށް މަސްތުވާ ތަކެތި އަތުލުމުގައި ފާރައިގެ އެހީތެރިކަން ވަނީ ހޯދިފައި، މީގެ ތެރެއިން ހަ އޮޕަރޭޝަނަކީ ޚާއްޞަ ގޮތެއްގައި ފާހަގަ ކޮށްގެން ހިންގި އޮޕަރޭޝަން ތައް" ޕޮލިހުން ހާމަކޮށްފައި ވެ އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަން ތަކުގައި 975 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު އޭގެ ތެރޭގައި އަންހެނުންނާ ފިރިހެނުން އަދި ބިދޭސީންވެސް ހިމެނެއެވެ. އަދި ޚާއްސަ އޮޕަރޭޝަންތަކެއް ރާއްޖޭގެ 06 އަތޮޅެއްގައި ވަނީ ހިންގާފަ އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަން ތަކުގައި ގިނައަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ކަމަށާއި އަދި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ރާއްޖެއަށް އަންނަ ބިދޭސީން އަދި ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން ބޭނުންކޮއްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ބަންގުރަލުގެ މައްސަލަތަކުގައި ގިނަ ބަޔަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

" 2015ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2015 ޖެނުއަރީ 01 އިން 2015 ޖޫން 30 އަށް މަސްތުވާތަކެތީގެ 1562 މައްސަލައެއް ފުލުހުންނަށް ހުށައެޅި 975 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވޭ، އަދި މަސްތުވާ ތަކެއްޗާ ގުޅުންހުރި 1282 މައްސަލައެއްގެ ތަޙްޤީޤް ނިންމައި 1167 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވޭ" ޕޮލިހުން ހާމަކޮށްފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމަސައްކަތާއެކު މަސްތުވާ ތަކެތީގެ ނުރައްކަލުން ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތަކާ މަސްތުވާ ތަކެތި އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންތަކާ މަސްތުވާ ތަކެތީ ބޭނުން ކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ތަޢުލީމާއި ތަޖުރިބާ ހޯދުމަށް ފާއިތުވި ހަ މަސްދުވަހުގެތެރޭގައި ފުލުހުންގެ ތިން އޮފިސަރަކު ރާއްޖެއިން ބޭރަށް ފޮނުވުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް