ކަނޑު ދަތުރު ކުރުމުގައި މޫސުމާއިމެދު ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި

މި ދުވަސްވަރަކީ މުޅިރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށް ވެފައި ކަނޑުމަތީގެ ނުރައްކާތެރި އެކި ހާދިސާތައް އިތުރުވަމުން ދާތީ އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުފަހަރާއި ހަވާލުވެ ތިއްބެވި ފަރާތްތަކުން، ...

18 Jul 2015 | 15:44

މި ދުވަސްވަރަކީ މުޅިރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށް ވެފައި ކަނޑުމަތީގެ ނުރައްކާތެރި އެކި ހާދިސާތައް އިތުރުވަމުން ދާތީ އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުފަހަރާއި ހަވާލުވެ ތިއްބެވި ފަރާތްތަކުން،  މޫސުމާއި ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން މިފަދަ ހާދިސާތައް ނުހިގާނެ ފަދަ މަގަކުން ދަތުރު ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ގައުމީ ދިފާއީ ބާރުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މިދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުވެރިންނާއި ފަޅުވެރިންގެ ފުރާނަޔަށް ގެއްލުންވެދާނެ ފަދަ ހިތާމަވެރި ހާދިސާތައް ކުރިމަތިވުމާއި އުޅަނދުފަހަރު ފަރަށްއެރުން ފަދަ ހާދިސާތަކާއި ގުޅިގެން އުޅަނދުފަހަރާއި މުދަލަށް ބޮޑެތި ގެއްލުންތައް ވަމުންދާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.

"މިފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ކަނޑުއޮޅިތަކުން ވަދެ ނުކުމެ ހަދާއިރުއާއި އެތެރެވަރިން ދަތުރުކުރައްވާއިރު ބައްލަވައިގެން ދަތުރުކުރެއްވުމާއި ހަމަ އެކަނި ޖީ.ޕީ.އެސް ފަދަ ވަސީލަތްތަކަށް ބަރޯސާ ނުވެ ދިރުބާކޮޅުގައި ބަލާނެ މީހެއް ބަހައްޓައިގެން ދަތުރުކުރެއްވުމަށް ވެސް އިލްތިމާސް ކުރަން" އެމްއެންޑީއެފުން ބުނެ އެވެ.

މީގެ އިތުރުން ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ލަސްނުކުރައްވާ 191 ނަންބަރު ފޯނާ ގުޅާ މަޢުލޫމާތު ހިއްސާކުރެއްވުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް