އިސްރާއީލުގެ އަސްކަރީ ޢަމަލިއްޔާތުތަކުގައި އެމެރިކާ ސީދާ ބައިވެރިވެއްޖެނަމަ، ހަރުކަށި ރައްދެއް ދޭނެކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ. އދ. އަށް އީރާނުން ކަނޑައަޅާފައިވާ ސަފީރު އަލީ ބަހްރެއިނީ ވިދާޅުވެފައިވަނީ، އެމެރިކާއިން މިހާރުވެސް އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، މި ހަމަލާތަކުގައި "ބައިވެރިވެފައިވާ" ކަމަށެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންނާއި ޤައުމު ދިފާޢުކުރުމުގައި އެއްވެސް ފަސްޖެހުމެއް ނުހުންނާނެ،" ބަހްރެއިނީ ނޫސްވެރިންނަށް ވިދާޅުވިއެވެ.
ފާއިތުވި ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކުގައި، 200 އަށްވުރެ ގިނަ ހަނގުރާމަމަތީ ޖެޓް މެދުވެރިކޮށް 100 އަށްވުރެ ގިނަ ތަންތަނަށް ހަމަލާދިނެވެ. އިސްރާއީލުގެ ބަޔާނުގައި ބުނެފައިވަނީ، މި ހަމަލާ ދިނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ކައިރިވެފައިވާތީ ކަމަށެވެ.
މިހާތަނަށް އެމެރިކާއިން މި ހަމަލާތަކުގައި ސީދާގޮތުން ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލަށް މިސައިލްތަކުން ދިފާއުވުމަށް އެހީތެރިވެ، އިތުރު ހަނގުރާމަވެރި ޖެޓްތައް އެ ސަރަހައްދަށް ފޮނުވާފައިވެއެވެ. ސިފައިންގެ މި އިތުރުވުމާއެކު، އެމެރިކާ މި ހަނގުރާމައަށް ވަދެދާނެކަމުގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ.
ބުދަ ދުވަހު ހެނދުނު އީރާނުން އިސްރާއީލަށް އިތުރު މިސައިލް ހަމަލާތަކެއް ދިނެވެ. އަދި އިސްރާއީލުގެ ވައިގެ ބާރުތަކުން އެއަށް ރައްދުދިނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ އީރާނުން އީރާނުގެ އެންމެ މަތީ ލީޑަރު ފިލާ ހުރި ތަން އެމެރިކާއަށް އެނގޭ ކަމަށާއި، ނަމަވެސް މިވަގުތަށް އެ ފަރާތަށް ހަމަލާދޭން ނިންމާފައިނުވާ ކަމަށެވެ.
އިސްރާއީލާއި އީރާނާ ދެމެދު އޮތް ހަނގުރާމަ ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަން ފާހަގަކުރެވެއެވެ. އަދި މި ހާލަތު މައިތިރިކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް