ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ބަދަލުކުުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯދަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.
އަމީން ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ހެދޭ ކޮންމެ ގަވާއިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑެއް ބާތިލު ވާނެކަން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ އެ ދާއިރާތަކުގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކުން އިތުރު ގަޑީީގައިި މަސައްކަތްކުރަން ލާޒިމުވާ ހާލަތްތަކުގައި އެ ފަރާތްތަކުން އިތުރު ގަޑީގެ ފައިސާ ލިބޭނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާކުރަން ޖެހޭ ކަމަށް އެ ޤަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެ ޤަރާރުގައި ވަނީ ސިއްހީ ދާއިރާއާ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހޭކަން ފާހަގަކުރައްވާ އެ ދާއިރާތަކުގައި އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ މަގާމުގެ އަސާސީ މުސާރައިގެ 10 އިންސަންތައަށް ވާ މިންވަރަށް ވުރެ އިތުރަށް މަސައްކަތް ކުރި ނަމަވެސް އިތުރު ގަޑީގެ ފައިސާ ނުލިބޭކަމަށް ވިދާޅުވެފައެވެ.
"ނަމަވެސް އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް އެ ދާއިރާތަކުގެ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން މަނާވެފައިވީ ނަމަވެސް އެއަށްވުރެ އިތުރު ވަގުތު އެ އެދާއިރާތަކުގެ މުވައްޒަފުން މަސައްކަތްކުރަން ޖެހޭ" އަމީން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް އެއްވެސް ފަރާތެއް ލައްވައި މަސައްކަތް ކުރުވަން ޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބޭނެ އުސޫލެއް އެކަށައެޅިފައި އޮތުން ކޮންމެހެން މުހިންމު ކަމަށް އެ ޤަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް