ޢީދު ފާހަގަކުރާއިރު ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ޢީދު ފާހަގަކުރުން ޝަރުޢީގޮތުން ހުއްދަނުވާނެކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މީސް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވަނީ އިސްލާމީ ދީނަކީ މާތްﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތް ކަމަށާއި އިސްލާމީ ހިދާޔަތުގެ މަގަށް މި ރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މިރާއްޖޭގެ ސަޤާފަތް ކަމަށެވެ.
"ސަޤާފަތުގެ ނަމުގައި ޙުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއް ނޫން، އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ" ވަޒީރު ވިދާޅުވެފައިވެއެވެ.
އެގޮތުން ވަޒީރު ވިދާޅުވެފައިވަނީ ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފަހަގަކުރުން ޝަރުޢީ ގޮތުން ހުއްދަ ނުވާނެ ކަމަށާއި އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއެއްގޮތަށް ކަމަށެވެ.
"ދިވެހިންގެ ސަޤާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްކަންކަން، އެ ނޫން ކަންކަމަކީ ޙުރާފީ ބާޠިލު ކަންކަން" ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ކުޅިވަރު ކުޅުމާއި އުފާ ފާޅުކުރުމަކީ ޢީދުގައި އޮންނަންޖެހޭ ކަމެއް ކަމަށާއި އެކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ކަމަށެވެ. އަދި އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމިތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް