ފިކުރެއްގެ ދިރުމުގެ ނަމުން ފެށިގެންގޮސް ދަ ޑިމޮކްރެޓްސް އަށް ބަދަލުވެ، ރަޖިސްޓްރީ ކުރަން ވައްދާފައިވާ ޕާޓީ އަށް އަވަސް އަރުވާލައިގެން ހުއްދަ ދޭން ބައެއް މެންބަރުންނަށް ނުފެންނަކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރަޖިސްޓްރީ ކުރުމަށް ގެންދަންޖެހޭ ޕްރޮސެސްގެ ތެރެއިން ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމާއިމެދު މިއަދު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ އެ ހުއްދަ ދޭން ފެންނަ ކަމަށެވެ. ނަމަވެސް އަނެއް ދެ މެންބަރުން ކަމުގައިވާ މުހައްމަދު އާސިފާއި އަލީ ނަޝާތު ވޯޓު ދެއްވީ އެ ހުއްދަ އަދި ދޭން ނުފެންނަ ކަމަށެވެ. ކޮމިޝަންގެ ފަސްވަނަ މެންބަރު ކަމުގައިވާ ޑރ. މުހައްމަދު ޒާހިރު މިވަގުތު ރާއްޖޭގައި ނެތަތީ ވޯޓުގައި ބައިވެރިވެލެއްވީ ހަތަރު މެންބަރުންނެވެ.
"އެބޭފުޅުން ދެކެލައްވަނީ އަވަސް އަރުވާލައިގެން އެ ހުއްދަ ދިނުން ރަނގަޅު ނޫންކަމަށް، ގާނޫނުގައި ތިން މަސް ދުވަސް އެކަމަށް އޮންނައިރު އިތުރަށް ބަލަން ޖެހޭ ކަމަށް" ދުވަހަށް ފުއާދު ވިދާޅުވިއެވެ.
މި މައްސަލައިގާ ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުން މިހާރު ވަނީ އިހްތިޖާޖެއް ފަށާފައިވާއިރު އެފަރާތްތަކުގެ ކަންބޮޑުވުމަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ކުޑަތަންވެފައިވާއިރު އެ ޕާޓީގެ ފަރާތުން ކެނޑިޑޭޓަކު ނުނެރެވިދާނެތީ އެކަމުގެ ކަންބޮޑުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް