ރިސޯޓެއްގައި ފަތުރުވެރިޔަކު ރޭޕުކުރި މައްސަލައެއް ބަލަމުން އަންނަ ކަމުގައި ފުލުހުން ހާމަކޮށްފައިވާއިރު އެ އަންހެން މީހާ ކަމަށް ބެލެވޭ މީހަކު ޓްވިޓާގައި އެކަން ހިނގާދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ހިއްސާކޮށްފިއެވެ.
އެގޮތުން އޭނާ ބުނެފައިވަނީ އޭނާ ރާއްޖެ ޒިޔާރަތްކުރީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށާއި 10 ގައި އެނބުރި ގައުމަށް ދާން އޮތް ނަމަވެސް ހުރުމުގެ މުއްދަތު އިތުރު ކުރި ކަމަށެވެ.
ބުނެފައިވަނީ އޭނާ ރިޓްޒް ކާލްޓަން ރިސޯޓަށް ޗެކިން ވުމުން ދިވެހި ބަޓްލަރަކު އޭނާއަށް އެސައިން ކުރެވިގެންދިޔަކަމަށާއި ހަމަ އެ ދުވަހު އޭނާގެ ފޯނަށް ފެން އެޅިގެން ފޯނު މައްސަލަޖެހުނު ކަމަށެވެ.
"އެކަން ފްރަންޓް ޑެސްކަށް އެންގީމާ ކޮޓަރިއަށް ފޮނުވީ އެ ބަޓްލަރު، އެ ބަޓްލަރުގެ ފޯނަށް އަހަރެންގެ ސިމް ލައްވައިގެން އާއިލާއަށް ގުޅީ، އެއަށްފަހު ބަޓްލަރު ވަރަށް ދިގު ވާހަކަތަކެއް ދެއްކި، އެ ވާހަކަތަކުގެ ތެރެއިން އަހަރެން ރޭގައި ނިދީ ކޮޓަރިން ބޭރުގައި އޯޕަން އޭރިއާގައިތޯ އެހުމުން، ރޭގައި އޭނާ އަހަންނަށް ފާރަލީކަން އެނގުނު" އެ އަންހެން މީހާކަމަށް ބެލެވޭ ޓްވިޓާ އެކައުންޓަކުން ބުނެފައިވެއެވެ.
ބުނެފައިވަނީ އެއަށްފަހު އެ ބަޓްލަރު ދެއްކި ވާހަކަ ބަދަލުކޮށްލުމުން އެވަގުތަށް، އިރުކޮޅަކަށް ބަޓްލަރު އެތަނުން ދިޔަ ކަމަށެވެ. ނަމަވެސް އޭނާގެ މަންމަގެ މެސެޖެއް ބަޓްލަރުގެ ފޯނަށް އައުމުން އަލުން ކޮޓަރިއަށް އައިސް ގަދަކަމުން ރޭޕު ކުރީ ކަމަށެވެ.
ރޭޕު ކުރި ގޮތުގެ ތަފްސީލީ މައުލޫމާތުވެސް އޭނާގެ ޓްވީޓް ތުރެޑްގައި ލިޔެފައިވެއެވެ.
އެއަށްފަހު ފުލުހުންނަށް އަންގަން އެދުމުން ފުލުހުން އައި ކަމަށާއި ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބޭނީ ހަފްތާއެއް ފަހުން ކަމަށް ފުލުހުން ބުނި ކަމަށާއި ރިސޯޓުން ޗެކްއައުޓްވީ ފުލް ޕޭމަންޓް ހަދާފައި ކަމާއި އެންމެ ކުޑަމިނުން އެ ރިސޯޓުން މާފަށްވެސް އެދިފައިނުވާކަމަށް އެ އަންހެން މީހާކަމަށް ބެލެވޭ ޓްވިޓާ އެކައުންޓްގައި ބުނެފައިވެއެވެ.
އެ ޓްވީޓް ތުރެޑްގައި އަންހެނަކަށް އަނިޔާތަކެއް ލިބިފައިވާ ފޮޓޯތަކާއި، އޭނާއަށް އެސައިން ކުރެވުނު ކަމަށް ބެލެވޭ ދިވެހި ބަޓްލަރުގެ ފޮޓޯވެސް ހިމަނާފައިވެއެވެ.
މިއަދު ހެނދުނު ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ރޭޕުކޮށްފައިވާ މައްސަލައެއް މި މަހުގެ ހަ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ކަމަށާއި ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލު ކުރަމުން އަންނަ ކަމަށެވެ. މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ހެނދުނު، ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް