މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތް ލައްކައަށްވުރެ ގިނަ ހައްޖުވެރިން މަދީނާގެ ބިމަށް ގޮސްފައިވާކަމުގައި ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.
އެގޮތުން ސައޫދީގެ "ހަޖް އެންޑް ވިޒިޓް ކޮމިޓީ" އިން އިއްޔެ ބުނެފައިވަނީ ވައިގެމަގުންނާއި ކަނޑުމަގުންނާއި ގުޅިފައިވާ ގައުމުތަކުން މިހާތަނަށް 718،030 ހައްޖާޖީއަކު މަދީނާގެ ބިމަށް ދަތުރުކޮށްފައިވާކަމަށެވެ.
ހައްޖުގެ އަޅުކަމަށް ރާއްޖެއިންވެސް މިހާތަނަށް ގިނަ އަދަދެއްގެ ހައްޖުވެރިއަކުވަނީ މަދީނާއަށް ދަތުރުކޮށްފައެވެ.
އެގޮތުން މި މަހުގެ 13 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 295 ހައްޖުވެރިން، ހަމަ އެ ދުވަހު ސިސިލްފަރުގެ ހަވާލުގައި 88 ހައްޖުވެރިން، މިދިޔަ ހުކުރު ދުވަހު އަލް މަނާސިކްގެ ހަވާލުގައި 86 ހައްޖުވެރިން، ހަމަ އެދުވަހު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 290 ހައްޖުވެރިން، އިއްޔެ އަލް ހަރަމައިންގެ ހަވާލުގައި 86 ހައްޖުވެރިން މަދީނާއަށް ގޮސްފައިވެއެވެ.
ރާއްޖެއަށް މި އަހަރު 1000 ހައްޖު ކޯޓާ ލިބިފައިވާއިރު އޭގެ ތެރެއިން 296 ހައްޖުވެރިން ދަތުރުކުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. އަދި ސިސިލްފަރު ގްރޫޕްގެ ހަވާލުގައި 87 ހަރަމައިން ގްރޫޕްގެ ހަވާލުގައި 87 އަދި މަނާސިކް ގްރޫޕްގެ ހަވާލުގައި 85 މީހަކު ހައްޖަށް ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް