އިލެކްޝަންސް ކޮމިޝަންގެ ދެ މެންބަރަކު ތިއްބެވީ ދަ ޑިމޮކްރެޓްސް ޕާޓީ ވުޖޫދުވިޔަ ނުދޭން ހިފާފައި ކަމުގެ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންވަމުން އަންނަ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވީ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ހޯދުމަށް މިއަދު އިލެކްޝަނަށް ވަޑައިގެންނެވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.
ހަސަން ވިދާޅުވީ އެބޭފުޅުން ހުށަހެޅި 3560 ފޯމުގެ ތެރޭގައި ސައްހަ 3000 ފޯމު އޮތްކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ދެއްވާފައިވާކަމަށާއި ނަމަވެސް އެހެން ގޮތަކުން އިތުރު ކަންތައްތަކެއް ބަލަންޖެހޭތީ ލަސްވަނީ ކަމުގައި އިލެކްޝަނުން މައުލޫމާތުދެއްވާކަމުގައި ހަސަން ވިދާޅުވިއެވެ.
ސައްހަ ތިން ހާސް ހަމަވެފައިވާކަން ކޮމިޝަންގެ ރައީސް ފުއާދުވެސް ދުވަހަށް ކަށަވަރުކޮށްދެއްވިއެވެ.
އެއަށްފަހު ހަސަން ވިދާޅުވީ ކޮމިޝަންގެ ފަސް މެންބަރުންގެ ތެރެއިން އެއް މެމްބަރަކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގައި ހުރިއިރު ދެން ތިބި އަނެއް ހަތަރު މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބު ތިއްބެވީ ޖަލްސާއެއް ބާއްވައި ހުއްދަ ދެއްވަން ތައްޔާރަށް ކަމަށާއި އެހެން ނަމަވެސް ދެން ތިއްބެވި އަނެއް ދެ މެންބަރުންގެ އެއްބާރުލުން ލިބޭކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.
ޑިމޮކްރެޓްސް ވުޖޫދުވިޔަ ނުދިނުމަށް އެ ދެ މެންބަރުން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ހަސަން ކުރެއްވިއެވެ.
އިތުރަށް ހަސަން ވިދާޅުވީ ބޮޑު ޗުއްޓީއެއް ބޯމަތީގައި އޮތް އިރު މިއަދު ނޫނީ މިރޭ އެ ހުއްދަ ނުލިބިއްޖެ ނަމަ ދޭން ޖެހޭ ތިން ދުވަހުގެ ނޯޓިސް ދީ އެ ޖަލްސާ ބުދަ ދުވަހު ނުބޭއްވޭނެ ކަމަށާއި އަދި ބުރާސްފަތި ދުވަހު ރިޕޯޓް ހުށަނޭޅިއްޖެނަމަ ޢީދު ބަންދު ކުރިއަށް ޕާޓީގެ ރަޖިސްޓްރީ ނުލިބޭނެ ކަމަށެވެ.
އެ ސަބަބުތަކަށްޓަކައި، ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރާ، ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން އަދި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފަރާތްތައް އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި، ލިބެން ޖެހޭ ހުއްދަ ލިބެންދެން މަޑުކޮށްގެން ތިބޭނެ ކަމުގައިވެސް ހަސަން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް