އަގުބޮޑު ޗުއްޓީ ދަތުރެއްގައި ރާއްޖެ ގެނެސްދޭނެކަމަށްބުނެ އިންޑިއާގެ ޑެންޓިސްޓެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި، ފިލައިގެން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގާ މުމްބާއީގެ މަލާބާރު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ލަވް ގުޕްތާ ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޕަންޖާބުގެ ޕީރް މުޗާލާ ސަރައްހަދުން ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނުގައި ބޮޑެތި ގޮންޖުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށް މަލާބާރު ޕޮލިހުން ބުނެފައިވެއެވެ.
އެގޮތުން އޭނާއަކީ އަޑު ބަދަލު ކުރުމުގެ ހުނަރު ހުންނަ ކުށްވެރިއެއްކަމުން ޑެންޓިސްޓަށް އޮޅުވާލުމަށް ޓްރެވަލް އޭޖެންސީގެ މުވައްޒަފެއްގެ ނަމުގައިވެސް އަދި އެ އޭޖެންސީގެ ވެރިޔާގެ ނަމުގައިވެސް ގުޅަމުންދިޔައީ ލަވް ގުޕްތާ ކަމަށާއި އަދި އެކަމަށް އޭނާ އެތައް ފޯނު ނަމްބަރެއް ގެންގުޅޭތީ ސީދާ ލޮކޭޝަން ޓްރޭސްކުރަންވެސް ދަތިތަކާ ކުރިމަތިވި ކަމަށް މަލާބާރު ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ލަވް ގުޕްތާގެ ބޭންކް އެކައުންޓާއި ގުޅުންހުރި ފޯނު ނަމްބަރެއް ޓްރޭސްކުރި އިރުވެސް ހިމާޗަލް ޕްރަދޭޝާއި ޕަންޖާބާއި ހަރިޔާނާގައި އޭނާ އުޅެފައިވާކަމަށް ދައްކާފައިވާތީވެސް ލަވް ގުޕްތާ ހޯދަން އުނދަގޫވިކަމަށް ބުނެފައިވެއެވެ.
އެންމެފަހުން ލަވް ގުޕްތާ އަތުލައިގަތީ ޕަންޖާބުން ކަމަށާއި އުޅެމުންދިޔަ ގެ ހޯދުނު ނަމަވެސް ގޭގެތެރެއަށް ފުލުހުންނަށް ވަދެވުނީވެސް ބައިގަޑިއިރެއްހާއިރު މަސައްކަތްކޮށްގެން ކަމަށްވެބުނެފައިވެއެވެ.
މި ދޯކާގައި ދޯކާ ލިބުނު ޑެންޓިސްޓް ނިސްބަތްވަނީ މުމްބާއިއަށެވެ. އޭނާ ލަވް ގުޕްތާއަށް ފައިސާ ފޮނުވީ ޔޫޕީއައި މެދުވެރިކޮށެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅީ ލަވް ގުޕްތާ، ޑެންޓިސްޓްގެ ފޯނު ކޯލުތަކަށް ޖަވާބު ނުދޭން ފެށި ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް