މި އަހަރު، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާގެ ހަރަދުގައި 90 ގައުމަކުން 1300 މީހަކަށް ދައުވަތު އެރުވުމަށް ސަލްމާން ރަސްގެފާނު އަންގަވައިފިއެވެ.
މިކަން ހާމަކޮށް ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާސް، ކޯލް އެންޑް ގައިޑަންސް، ޝައިޚް ޑރ. އަބްދުލްލަތީފް އަލް-ޝެއިޚް ވިދާޅުވެފައިވަނީ އެ ފަރާތްތަކަކީ ސަލްމާން ރަސްގެފާނުގެ "ހައްޖު ގެސްޓް ޕްރޮގްރާމް" ގެ ބައިވެރިން ކަމަށާއި އެ ފަރާތްތަކުގެ އެންމެހާ ކަންތައްތައް ބަލަހައްޓަމުން ގެންދާނީ ސީދާ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.
މި ދައުވަތު ލިބޭ ގައުމުތަކާއި އެ ގައުމުތަކަށް މި ދައުވަތުގެ ދަށުން ޖާގަ ދޭނެ މިންވަރު އެމްބަސީތަކަށް އަންގަމުންދާނެ ކަމަށާއި މި ދައުވަތު ލިބޭ ފަރާތްތައް އެ ގައުމެއްގެ އެއާޕޯޓުން ފުރުމާއި ހަމައިން އަނބުރާ އެ ގައުމެއްގެ އެއާޕޯޓަށް ދިއުމާއި ހަމައަށް އެންމެހާ ކަންތައްތަކެއް ބަލަހައްޓަމުންދާނީ ސައޫދީގެ ބެލުމުގެ ދަށުން ކަމުގައިވެސް ބުނެފައިވެއެވެ.
ސަލްމާން ރަސްގެފާނު މިފަދަ ނިންމުމެއް ނިންމަވާފައިވާއިރު މިއީ ކޮންމެ އަހަރެއްގެވެސް ހައްޖު މޫސުމުގައި ކުރިއަށްގެންދާ ކަމެކެވެ. މިކަމުގެ އިތުރުން މި އަހަރު ފަލަސްތީނުގެ 1000 މީހަކަށް ސައޫދީގެ ބެލުމުގެ ދަށުން ހައްޖު ވުމުގެ ދައުވަތުވެސް އަރުވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް