މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް ކަމަށް އަލީ ރިފްޝާން އަދި ނައިބު ރައީސް ކަމަށް އަޒްމީ އަލީ އިންތިހާބު ކޮށްފި އެވެ.
ސްޓެލްކޯ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެފައިވަނީ24 މެމްބަރުންނެވެ.
އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް ވަން އޮންލައިންގެ މެނޭޖިން އެޑިޓަރު ރިޝްފާން ހޮވުމީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާ މިއަދާއި ހަމައަށް ހުރީ އެމްޖޭއޭގެ ނައިބު ރައީސްގެ މަގާމުގައި އެވެ.
އެހެންވެ އާ ނައިބު ރައީސަކު ހޮވުމަށް ހުޅުވާލުމުން ކުރިމަތިލީ "ދުވަސް" އޮންލައިގެ އެޑިޓަރު އަޒްމީ އަލީ އެވެ. އޭނާ މަގާމަށް އިންތިހާބުވީ20 މެމްބަރުންގެ ވޯޓާއި އެކު އެވެ.
މިއަދުގެ ޖަލްސާގައި އެސޯސިއޭޝަނުން ކުރިއަށް ރާވާފައި ހުރި މުހިންމު ކަންތައްތަކެއް އިއުލާންކުރި އެވެ. އެގޮތުން އިއުލާންކުރީ:
• އަންނަ އޯގަސްޓްމަހު ފޮޓޯ ޖާނަލިސްޓުންގެ އެގްޒިބިޝަނެއް ބޭއްވުން
• ނޫސްވެރިން ކުރިއެރުވުމަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް ފަންޑެއް ހުޅުވާލުން
މިއަދުގެ ޖަލްސާއަށް ހާޒިރުވި އާންމު މެންބަރުން ވަނީ އެސޯސިއޭޝަންގެ ކަންކަމާ މެދު ހިޔާލު ފާޅުކޮށްފަ އެވެ. އެގޮތުން ޖަމިއިއްޔާގެ ހިންގުން އިތުރަށް ހަރުދަނާކުރުމާއި ނޫސްވެރިންނާ ގުޅުން ހުރި ހަރަކާތްތައް ވީހާ ބޮޑަށް ހިންގުން ފަދަ ކަންކަން އިތުރު ކުރުމާ ގުޅޭ ގޮތުން މެންބަރުން ހިޔާލުފާޅުކުރި އެވެ.
މިއަދުގެ ޖަލްސާއަށް އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެޖެންޑާކުރި ނަމަވެސް އެކަމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުނުވުމުން އެޖެންޑާގެ އެބައި ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް