ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ އިއްޒަތް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފި އެވެ.
މި ނިޝާންގެ އިއްޒަތް ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ހާއްސަ ރަސްމިއަޔާތެއްގަ އެވެ.
ޝާހިދަށް އަރުވާފައި ވަނީ “ދަ ޑުއާޓޭ، ސަންޗޭޒް، އެންޑް މެލާ އޯޑާ އޮފް މެރިޓް” ގްރޭންޑް ކްރޮސް، ސިލްވާ ޕެލޭޓެވެ. މި ނިޝާންގެ އިއްޒަތަކީ 1931 ވަނަ އަހަރުން ފެށިގެން އެ ގައުމުން ދެމުން އަންނަ އިއްޒަތެކެވެ.
އެ ނިޝާންގެ އިއްޒަތް ނިސްބަތް ވަނީ އެ ގައުމު އުފެދުމުގެ ބާނީންކަމުގައިވާ ހުއާން ޕަބްލޯ ޑުއާރްޓޭއާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒްއާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ. މި އިއްޒަތް އެ ގައުމުން އަރުވަނީ އެ ގައުމަށް ހާއްސަ ގައުމީ ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަގުވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއްކުރައްވާފައިވާ އިއްޒަތްތެރިންނަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޑޮމިނިކަން ރިޕަބްލިކުން ޝާހިދަށް އެ ޝަރަފު އަރުވާފައި ވަނީ އެ މަނިކުފާނުގެ “އދ.ގެ އުންމީދުގެ ރިޔާސަތު”ގެ ތެރެއިން، ކޮވިޑު ހާލަތުން ދުނިޔެ އަރައިގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތުކުރުމަށާއި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި އދ. އިތުރަށް ހަރުދަނާކުރުމަށްޓަކައި އދ.ގެ އަންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށެވެ.
ޝާހިދު ޑޮމިނިކަން ރިޕަބްލިކަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެެ ދަތުރުގައި ޝާހިދު ވަނީ އެ ގައުމުގެ ރައީސް ލުއިސް އަބިނަދެއާއާ ބައްދަލުކުރައްވައި އެ ގައުމާއި އދ.ގެ އާންމު މަޖިލީހާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމާއި ކޮވިޑުގެ ހާލަތުން އަރައިގަތުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް