އެެހެންމީހުން ފަޟީޙަތް ކޮށް ބޭޒާރު ކުރުމަކުން ތިބާއަށް ލިބޭނެ އެއްވެސް މޮޅެއް ނެތެވެ. !

އަހަރެމެން އިންސާނުންނަކީ އެންމެ ފުރިހަމަ ބައެއް ނޫނެވެ. މީގެރ މުރާދައަކީ އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ އިންސާނަކަށް ވެސް ކުށްފާފަ ކުރެވޭނެކަމެވެ. ނަމަވެސް އޭގެ މާނައަކީ އަބަދު ކުއްތަކަށް އަރައިގަ...

18 Jun 2022 | 14:53

އަހަރެމެން އިންސާނުންނަކީ އެންމެ ފުރިހަމަ ބައެއް ނޫނެވެ. މީގެރ މުރާދައަކީ އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ އިންސާނަކަށް ވެސް ކުށްފާފަ ކުރެވޭނެކަމެވެ. ނަމަވެސް އޭގެ މާނައަކީ އަބަދު ކުއްތަކަށް އަރައިގަނެ ފާފަ ކުރުމެއް ނޫންނެެވެ. މާތް ވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތުން އެންމެ ހެޔޮ މީހަކީ ކުށެއް ނުވަތަ ފާފައެއް ކުރެވޭ ހިނދު އެކުރެވުނު ކުށަކަށް ނުވަތަ ފާފައެއްގެ މައްޗަށް ހިތާމަކޮށް އަލުން އެފަދަ ކުށަކަށް ނުވަތަ ފާފައަކަށް އަރައި ނުގަތުމަށް އަޒުމް ކަނޑައަޅާ ވީހާވެސް އަވަހަށް ތަޢުވާވުމެވެ. އަދި އެގޮތުގައި ދެމި ހުރުމެވެ.

ކަން މިހެން އޮތްއިރު، އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުން އަބަދު ވެސް ފެންނަ ހިތާމަވެރި މަންޒަރެއް އެބައޮތެވެ. އެއީ ކުށެއް ކުރެވޭ މީހާ ނުވަތަ ފާފައެއް ކުރެވޭ މީހާ އެ ކުށެއް ނުވަތަ ފާފައެއް ކުރިކަން އަނެކާއަށް އެނގުމާއި އެކު އެ އަޚާ ނުވަތަ އުޚުތާ ފަޟީޙަތް ކޮށް ބޭޒާރުކުރުމެވެ. މީސްމީޑިއާގައާއި އެހެނިހެން ގޮތްގޮތުންނެވެ. މި ކަމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ލިބޭ ބޮޑު މާޔޫސްކަމާއި އެކު އިސްލާޙުވެ އަލުން އެނބުރި މުޖުތަމަޢުއަށް އައުމަށް ބޮޑެތި ހޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވެއެވެ.

ކުށެއް ނުވަތަ ފާފައެއް ކުރެވުނަސް އެކަން ކުރެވުނު މީހާ ފަޟީހަތްކޮށް ބޭޒާރު ކުރުމުގެ ބަދަލުގައި އަލުން އެނބުރިި ހެޔޮ މަގަށް އަންނަން އެ އަޚަކަށް ނުވަތަ އުޚުތަކަށް ހިތްވަރު ދެމާހެއްޔެވެ. އެމީހުންގެ ފާފަތަކުގެ ވާހަކަ ދައްކާ ބޭޒާރު ކުރުމުގެ ބަދަލުގައެވެ. ބޭޒާރުކޮށް އެމީހުންގެ އައިބުތައް މުޅި މުޖުތަމަޢުއަށް ފެތުރުމުގެ ބަދަލުގައެވެ. އެކަންކަން ﷲ ތަޢާލާ ވަންހަނާ ކޮށްދެއްވާފައި ވީހިނދު އެހެން މީހުން އެ ކަންކަން ފެތުރުމުގަ އޮތީ ފަހެ ކޮން ހިތްހަމަ ޖެހުމަކާއި އުފަލެއްތޯއެވެ. ޔަގީންވެ ކަށަވަރުވާ ކަމަކީ ކޮންމެ މީހަކަށް ވެސް ކުށްފާފަ ކުރެވޭނެ ކަމެވެ. އަނެކާ ބޭޒާރުކޮށް ފަޟީޙަތް ކުރާ މީހުންވެސް މެއެވެ.

ދަންނާށެވެ. އެހެން މީހުންގެ ކުއްފާފަތަކާއި އައިބުގެ ވާހަކަތައް ފަތުރާ ފަޟީހަތް ކުރާ މީހާ މުޖުތަމައުގައި ފަޟީޙަތް ވުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ. އެހެންކަމުން އަހަރެމެން ވިސްނަންވީ ކަމީ އެފަަ ކުށެއް ނުވަތަ ފާފައެއް ކުރެވޭ މީހާއަށް ވެސް ހެޔޮ ކަންކަމަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރުމެވެ. ހެޔޮ މަގަށް އަންނަން ބޭނުންވާ މީހާ ފަޟީޙަތް ނުކުރުމެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވައިފައިވެއެވެ. ((وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ )) – رواه البخاري – މާނަ ” އަދި މުސްލިމެއްގެ އުނިކަމެއް ނުވަތަ ޢައިބެއް ދުނިޔޭގައި ފޮރުވައިދީފި މީހަކަށް، ﷲ ތަޢާލާ ޤިޔާމަތްދުވަހުގައި އެމީހެއްގެ ޢައިބެއް ފޮރުއްވައި ދެއްވައެވެ. “

އެހެން ކަމުން ކުށްފާފަ ކުރެވޭ މީހާ ފަޟީހަތް ނުކުރާށެވެ. އެފަދަ މީހުންނަށް ފުރުސަތު ދޭށެވެ. ހެޔޮމަގަށް އެނބުރި އައުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް