ފުނަދޫގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ފުނަދޫ ކައުންސިލާއި ޑަބްލިޔުޑީސީއާ ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ފުނަދޫގެ ތަރައްޤީގެ މުހިންމު ކަންކަމ...

18 Jun 2022 | 14:17

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ފުނަދޫގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންތައްތައް ކަމުގައިވާ ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުންފަދަ ކަންކަން ޙައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމުގެ ތެރޭގައި އެއަރޕޯޓު ސަރަޙައްދަށް ދާން އޮންނަ މަގު ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ފެރީ ނެޓްވޯކް ފެށޭއިރު ބަނދަރަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްވަމުންދިއުމުގެ ކަންބޮޑުވުމާއި އަދި ޔޫތު ސެންޓަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެބައެއްގެ މެދުގައި އޮންނަ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެ ރަށެއްގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅުއްވާ ކަމުގައި ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުންކަން އެމަނިކުފާނު ފަހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފުނަދޫ ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ފުނަދޫގެ ތަރައްޤީގެ ކަންކަމުގެ މައްޗަށް ވެސް މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

އެގޮތުން އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބިންހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރިޔަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

އަދި ފުނަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ކުރިޔަށް ގެންދަވާނެ ކަމަށާ، އަދި ސްކޫލަށް އިތުރުކުރެވޭ 15 ކްލާސްރޫމުގެ މަސައްކަތް ކުރިޔަށްދާކަމާއި ފުނަދޫ ސްކޫލުގައި ސްޓާފް ރޫމެއް ހިމެނޭހެން އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ފުނަދޫ ހޮސްޕިޓަލަށް ބޭނުންވާ އައު އިމާރާތުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ކުރިޔަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ށ. އަތޮޅުގެ ހެލްތު ސެންޓަރުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތު ސެންޓަރުތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހެލްތު ސެންޓަރުތަކަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަމާއި މެޑިކަލް ކޮންޒިއުމަބުލް ހޯދުމުގައި ހުރި ދަތިތަކާއި ހަރުމުދާ ހޯދުމުގައި ހުރި ދަތިތަކާއި އިންސާނީ ވަޞީލަތް ހޯދުމުގައި ހުރި ދަތިތައްފަދަ ކަންކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ށ. އަތޮޅުގެ ޞިއްޙީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ބަޖެޓުތެރޭން ގެނެވެންހުރި ބަދަލުތައް ގެންނެވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައެވެ.

އެމަނިކުފާނު ވަނީ ސަރުކާރުން މިހާރު މުޅި ޞިއްޙީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ށ. އަތޮޅުގެ ޞިއްޙީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުނަދޫ ގިރާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.  ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް