ޕީއެސްޖީގެ އެއްބަސްވުމާއި އެއްގޮތަށް 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކުލަބުގައި މަޑުކުރަން ބްރެޒިލުގެ ތަރި ނޭމާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު އުމުރުން 30 އަހަރުގެ ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ. ޕީއެސްޖީއަށް ބަދަލުވެ ނޭމާ މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ފަހަކަށް އައިސް ގިނަ ދުވަސްތަކެއް އަނިޔާގައި ހޭދަކުރަން ޖެހުމުގެ ސަބަބުން ނޭމާއަށް ވަނީ ޕީއެސްޖީގައި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ.
އެގޮތުން ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މުހިންމު މެޗުތަކެއް އަނިޔާގެ ސަބަބުންް ނޭމާއަށް ގެއްލިފައިވާއިރު، ނިމިގެން ދިޔަ ޗެމްޕިއަންސް ލީގު މުބާރާތުގެ ދެވަނަ ބުރުން ރެއާލް މެޑްރިޑް އަތުން ބަލިވެ ޕީއެސްޖީ މުބާރާތުން ކެޓުމާއި އެކު ޕީއެސްޖީން ނޭމާ ވިއްކާލަން އުޅޭކަމުގެ ވާހަކަތައްވެސް މީޑިއާގައި ވަނީ ފެތުރިފައެވެ. އަދި ހަމަ އެއާއި އެކު ނޭމާ ވެސް ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ޕީއެސްޖީން ވަނީ މީޑިއާގައި ދެކެވުނު ވާހަކަތައް ދޮގުކޮށްފައެވެ. އަދި ކުލަބާއި އެކު މިހާރު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަޢް ނޭމާ ކުލަބުގައި މަޑުކުރަން ނިންމާފައިވާ ކަމަށް ޕީއެސްޖީން ބުނެއެވެ. އެހެންކަމުން އައު އެއްބަސްވުމާއެކު، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނޭމާ ޕީއެސްޖީގައި މަޑުކުރާނެއެވެ.
2017 ވަނަ އަހަރު ޕީއެސްޖީއާއި ގުޅުނު ނޭމާ ވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 144 މެޗުގައި 100 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު މިހާތަނަށް ފްރެންޗް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް