ދުނިޔޭގެ ބްލަޑް ޑޯނަރުންގެ ދުވަސް ފާހަގަކުރުމަށް ލ.އަތޮޅުގައި ތަފާތު ހަރަކާތެއް ބާވައިފިއެވެ.
މި ހަރަކާތްތައް އިންތިޒާމް ކުރީ ތިކި، ލ.ގަމު ރީޖަނަލް ހޮސްޕިޓަލް، ލ.މާވަށު ޕޮލިސް އަދި މޯލްޑިވިއަން ތެލަސީމިއަރ ސޮސައިޓީން ނެވެ. މިހަރަކާތްތައް ކުރިޔަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
"ދުވަސް" އަށް މަޢުލޫމާތު ދެއްވަމުން ތިކިގެ ފައުންޑަރ އަޙްމަދު އަނަސް ޙަބީބް ވިދާޅުވީ މި ހަރާކާތުގެ ތެރެއިން ލ.މާވަށު ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ތެލަސީމިއަރ ސްކްރީނިންގ އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައިވެ އެވެ. އެ ސެޝަނުގެ ތެރެއިން ތެލަސީމިއާ ސްކްރީނިންގ ޓެސްޓް ވަނީ ހަދައިދީފައެވެ.
"މާވަށު ސްކޫލުގެ ގްރޭޑް 7، 8 އަދި 10 ގެ ދަރިވަރުންނަށް ތެލަސީމިއަރ އަދި ތެލަސީމިއަރ ސްކްރީނިންގެ ގެ މުހިންމު ކަމާއި ގުޅޭގޮތުން މަޢޫލޫމާތު ސެޝަނެއް އަޅުގަނޑުމެން ނަގައިދިނީ. 50 ކުދިން ސެޝަންގަ ބައިވިރިވިއިރު 46 ވަނީ އެ ސެޝަން ތެރެއިން ތެލަސީމިއަރ ސްކްރީނިންގެ ޓެސްޓް ހަދާފަ" އަނަސް ވިދާޅުވިއެވެ.
މީގެ އިތުރުން އަނަސް ވިދާޅުވީ މި ހަރަކާތުގެ ތެރެއިން "ލާމު ބަތަލުން"ގެ ނަމުގައި ބްލަޑް ކޭމްޕެއްވެސް ބާއްވާފައިވާ ކަމަށެވެ. އަދި މި ބްލަޑް ކޭމްޕުގައި ފަސް މީހަކު ލޭ ހަދިޔާކުރި ކަމަށާއި، ބްލަޑް ކޭމްޕުން ލިބުނު ލޭ ވަނީ މޯލްޑވްސް ބްލަޑް ސާރވިސަސް އަށް ހަދިޔާކޮށްފައި ކަމަށެވެ.
މި ހަކަރާތް ކުރިޔަށް ގެންގޮސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަން، މޯލްޑިވްސް ބްލަޑް ސާރވިސަސް، ޝަބްނަމީ ހޯލްޑިންގް އަދި ކިލަމް ޓްރޭޑާސްގެ އެހީތެރިކަމާ އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް