ށ. ފުނަދޫގެ ބިން ހިއްކައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނި މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ރޭ އެ ސްކޫލްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުނަދޫގެ ތަރައްގީއަށް މި ސަރުކާރުން ކަންތައްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެދިފައިވާގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނާނެ ކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ފަށްޓަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފުނަދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫޢެއް ކުރިޔަށްދާކަން ފާހަގަކުރެއްވި އެވެ. އަދި މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފުނަދޫ ސްކޫލުގެ މުހިންމު ބައެއް ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއް ކަމުގައެވެ. އަދި ނިމިދިޔަ ދިރާސީ އަހަރު، އޯލެވެލް އިމްތިހާނުގައި އެ ސްކޫލުން ހޯދާފައިވާ ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުނަދޫ އަދި އެ ސަރަޙައްދުގެ އެކި ދާއިރާތަކުގައި އިސް މަގާމުތައް މިހާރު ފުރުއްވަން ތިއްބެވީ ފުނަދޫ ސްކޫލުން ދަރިވަރުވެފައިވާ ބޭފުޅުންކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.
މި ޖަލްސާގައި، ރައީސް ވަނީ ފުނަދޫ ސްކޫލު އުފައްދަވައި އެ ސްކޫލަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ރަންޔޫބީލް ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ސްކޫލަށް 15 އަހަރާއި 19 އަހަރާ ދެމެދު ޚިދުމަތްކުރެއްވި ބޭފުޅުންނާއި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ވެސް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި ވެ އެވެ.
ފުނަދޫ ސްކޫލް އުފެދިފައި ވަނީ މަކްތަބުލް މުނީރުގެ ނަމުގައި 1972 ވަނަ އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް