ކޯވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރާ ވޮލެންޓިއަރުންނަށް މުޅި ގައުމު ދަރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިމިވަނީ އަނބިކަންބަލުން މެޑަލް ފަޒްނާ އަހުމަދު ހަތަރު ހަފްތާ އެ ފެސިލިޓީގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނިކޮށެވެ. އެކަމަނާ ވިދާޅުވެފައިވަނީ އަދިވެސް ވޮލެންޓިއަރުންގެ އެހީ ބޭނުންވެއްޖެ ނަމަ ފެސިލިޓީގައި މަސައްކަތް ކުރެއްވުން ދާން ތައްޔާރަށް ހުންނެވި ކަމަށެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑްގެ އެންމެ އުނދަގޫ ދަނޑިވަޅުގައި ބަލީގެ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގައި ވޮލަންޓިއަރުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްދީފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ހުޅުމާލޭ ފެސިލިޓީގައި މަސައްކަތް ކުރި ހުރިހާ ވޮލެންޓިއަރުންނަށް އިހުލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާ ކަމަށެވެ.
އަދި އެ މީހުންނަށް މުޅި ގައުމު ދަރާފައިވާ ކަމަށް ވިދާޅުވި އެވެ.
https://twitter.com/ibusolih/status/1405885589967097860
އޭޕްރިލް މަހުން ފެށިގެން ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ވަނީ ގިނަ އަދަދެއްގެ ވޮލެންޓިއަރުން މަސައްކަތަށް ގެންގޮސްފައި އެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާއި ގާލް ގައިޑުންނާއި، ނަރުސްކަން ކިޔަވާ ކުދިންނެވެ.
އެކަމަކު މިހާރު ރާއްޖޭގެ ހާލަތު ރަނގަޅުވެ އެތަނުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 67 މީހުންނަށް ދަށްވެފައި އެވެ. އެހެންވެ ފެސިލިޓީގައި މަސައްކަތް ކުރި ވޮލެންޓިއަރުން ދަނީ ދޫކުރަމުންނެވެ.
އައިޖީއެމްއެޗުން ހިންގާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުން ހިމެނޭ ގޮތަށް 100 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް