ހަތަރު ކުދިން ތިބީ އަފްގާން ޖަލުގައި، ކުރިން އެކުދިން ރާއްޖެ ނުގެނެވުނީ ޝާފިއުއާ އަންހެނުން އެއްބަސް ނުވެގެން!

ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަ ކުރަން ގޮސް އުޅެނިިކޮށް އަފްގާނިސްތާނު ސަރުކާރުން ހައްޔަރުކޮށް ޖަލަށް ލާފައިވާ ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ ހަތަރު ދަރިންވެސް ތިބީ އެ ގައުމުގެ ޖަލުގަ...

18 Jun 2021 | 12:40

ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަ ކުރަން ގޮސް އުޅެނިިކޮށް އަފްގާނިސްތާނު ސަރުކާރުން ހައްޔަރުކޮށް ޖަލަށް ލާފައިވާ ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ ހަތަރު ދަރިންވެސް ތިބީ އެ ގައުމުގެ ޖަލުގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އިން ބުނެފި އެވެ.

2018 ވަނަ އަހަރު ހަަނގުރާމައަށް ގޮސް އުޅެނިކޮށް ޝާފިއުގެ ދެމަފިރިންނާއި ހަތަރު ކުދިން އަފްގާން ސަރުކާރުން ހައްޔަރު ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި އެއަހަރުގެ ޑިސެމްބަރު މަހު ވަނީ ޝަރީއަތް ހިންގާ ޝާފިއު އާއި އަންހެނުން 21 އަހަރަށް ޖަލަށް ލާފަ އެވެ

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން އަފްޣާނިސްތާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މުއާމަލާތްކޮށް، ޝާފިއުގެ އާއިލާ އަށް ޒިޔާރަތް ކުރުމަށް އެދުނު ކަމަށެވެ. އަދި މި މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައި ހިސާބުން އެކަމަށް ވަރަށް އިސްކަމެއްދީގެން ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށް އެކަން އަންގައި، މައްސަލައާ ގުޅޭ މައުލޫމާތު ހޯދަމުން އައި ކަމަށް ބުނެ އެވެ.

އަފްގާންގެ ހިއުމަން ރައިޓްސް ކޮމިޝަނާއި ކުރެވުނު މުއާމަލާތްތަކާއި ގުޅޭގޮތުން އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުގެ އެދުމުގެ މަތިން އެގައުުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ޖަލަށް ޒިޔާރަތް ކޮށް ކުދިންގެ ހާލު ބެލި ކަމަށެވެ. އަދި ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އެދުނު ނަމަވެސް އެކަމުގައި ހުރި  ގޮންޖެހުންތައް ފާހަގަކޮށްފައިވާ ކަމަށާއި އެކަން އަދި ހަމަޖެހިފައި ނުވާކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

އެޗްއާރުސީއެމުން ބުނީ ހުކުމް ކުރިތާ ކުރީކޮޅު އެ ކުދިން ރާއްޖެ ގެނައުމަށް އަފްގާން ސަރުކާރުން ދެކޮޅު ހަދާފައި ނުވާ ކަމަށެވެ. އެކަމަކު އެކަން ނުކުރެވުނީ އެކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުން ކަމަށާއި އެ މަސައްކަތް ހުއްޓުނީ އެހިސާބުން ކަމަށް ބުންޏެވެ.

ކޮމިޝަނުން ބުނީ ފެށުނީން ސުރެ އެޗްއާރުސީއެމުން ދަނީ ރާއްޖޭގައި ތިބި އެއާއިލާގެ މެމްބަރުންނާއި މަޝްވަރާ ކުރަމުން ކަމަށެވެ. އަފި ފަހުން އާއިލާގެ ފަރާތުން ވަނީ އެ ކުދިން ރާއްޖެ ގެނައުމަށް މައިންބަފައިން މިހާރު އިއުތިރާޒު ނުކުރާ ކަމަށް އަންގާފަ ކަމަށް ބުނެ އެވެ. އާއިލާއިން އެގޮތަށް އެދުމުން އެ ކޮމިޝަނުން ވަނީ ވަގުތުން އެކަން ކަމާ ބެހޭ އިދާރާތަކާ ހިއްސާކޮށްފައި ކަމަށް ބުނެ އެވެ.

އެޗްއާރުސީއެމުން ބުނީ ޝާފިއުގެ ހަތަރު ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރިއަށްގެންދާ ގޮތް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޝާފިއު އާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް ހުތުރުބަހުން މުއާމަލާތްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން ވަނީ ރޭ ބަޔާނެއް ނެރެފަ އެވެ. ފުލުހުން ވަނީ މީޑިއާގައި ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

އަދި ފުލުހުންނާއި ގުޅޭގޮތުން އެފަދަ ދޮގު މައުލޫމާތު ފަތުރާނަަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް