ރައީސުލްޖުމްހޫިރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަދުމަދު ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި މެދު ނުކެނޑި ޚިދުމަތް ހަތަރު ހަފްތާ މަސައްކަތް ކުރެއްވުމަށް ފަހު ހިދުމަތް ނިންމަވާލައްވައިފި އެވެ.
ހިދުމަތް ނިމުނުކަން ފާހަގަ ކުރެއްވުމަށް ފަޒްނާ ވަނީ އެކުގައި މަސައްކަތް ކުރެއްވި ވޮލެންޓިއަރުންނާއި އެކުއާއި މަސައްކަތް ކުރައްވަނިކޮށް ފެސިލިޓީތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ފޭސްބުކްގައި ހިއްސާ ކުރައްވާފައި އެވެ.
އެކަމަނާ ފޭސްބުކްގައި ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ، ފާހަގަކުރަނީ، ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި މެދު ނުކެނޑި ޚިދުމަތް ކުރާތާ 4 ހަފުތާގެ ނިމުން ކަމަށެވެ. މެޑަމް ވިދާޅުވީ، އެކަމަނާއަށް ވުރެ އުމުރުގެ ގޮތުން ހަގު ވޮލެންޓިއަރުން އެ ތަނުގައި އެކުގައި މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އުމުރު ތަފާތު އިހުސާސްނުވާ ވަރަށް އެންމެން ވެސް ގުޅޭ ކަމަށެވެ.
ފަސްޓް ލޭޑީ މެޑަމް ފަޒްނާ ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ޚިދުމަތްކުރަމުން އަންނަ ދަރުމަވެރިން ބަހައްޓަވާ ގާތްކަމާއި އެކުވެރި ކަމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.
ފަޒްނާ ވިދާޅުވީ، އެމްއެންޔޫގެ ސްކޫލް އޮފް ނާސިންގގެ ލެކްޗަރާރ ޝިޒްނާގެ އިރުޝާދުގެ ދަށުން ފާއިތުވި 4 ހަފުތާގައި މަސައްކަތް ކުރި އިރު ގިނަ ކަންކަން ދަސްވެފައި ވާ ކަމަށެވެ. އެ ގޮތުން ބަލިމީހުންގެ އަނގަ ސާފުކޮށްދިނުމާއި، ފެންވެރުވުމާއި، އިސްތަށިގަނޑު ދޮވުމާއި އެނދު ތަންމަތި ތައްޔާރުކޮށް ބެލެހެއްޓުމުގެ ރަނގަޅު އުކުޅުތައް ދަސްވިކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ފާހަގަކުރެއްވި ގޮތުގައި، ބަލި މީހުން ފާހަނާއަށް ގެންގޮސް، ކާންދީ، ނަމާދުކުރަން އެހީތެރިވެ އާއިލާއަށް ގުޅައިދީ އެ މީހުންނާއެކު ވަގުތު ހޭދަކުރެވުނެވެ.
މެޑަމްގެ ޕޯސްޓުގައި ވަނީ އެ ތަނުގައި ވޮލެންޓިއަރުން ކުރާ ބުރަ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އަދި އެ ތަނުގައި މަސައްކަރްކުރާ ދަރުމަވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ، އެ ޝުކުރުގެ ލިސްޓުގައި އެތަނުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނާއި މަސައްކަތުގ މީހުންގެ ނަންތައް ވަކިވަކިން ލިޔުއްވާފައިވެ އެވެ.
ޕާސަނަލް ޕްރޮޓެކްޓިވް އިކުޕްމަންޓްސް (ޕީޕީއީ) ކިޓް އަޅުއްވައިގެން ފަޒްނާ ފެސިލިޓީގައި މަސައްކަތްކުރެއްވި އިރު އެތަނުގައި ތިބި ބަލި މީހުންނަށް އެއީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކަމެއް ނޭނގެއެވެ. އަދި އެކަމަނާ ވެސް އެތަނުގައި މަސައްކަތް ކުރެއްވީ ރަޖިސްޓަރީ ކޮށްގެން މަސައްކަތްކުރާ އާންމު ވޮލެންޓިއަރެއްގެ ގޮތުގައެވެ.
ވޮލެންޓިއަރެއްގެ ގޮތުގައި ފެސިލިޓީގައި ހޭދަކުރެއްވި ވަގުތުގައި ކުރެއްވުނު އިހުސާސްތަކާ ގުޅޭ ގޮތުން ފަޒްނާ ވިދާޅުވީ ވަރަށް ގިނަ ބަލި މީހުންނާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި، އެއީ ވަރަށް އަސަރުކުރުވަނިވި ވަގުތު ތަކެއް ކަމަށެވެ.
އަދި މިހާރު ރާއްޖޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވަމުން އަންނާތީ ﷲއަށް ޝުކުރުކޮށްފައިވެ އެވެ. އެކަމަނާ ވިދާޅުވީ ބަލިމީހުން ގިނަވެ ކޯވިޑް ފެސިލިޓީން ފެނިގެން އެދިޔަ ހިތްދަތި މަންޒަރު އަލުން ނުފެނުމަށް ގަދައަޅާ ހުރިހާ ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަދި ކުރިޔަށް އޮތްތާނގައިވެސް ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ވަޑައިގެންނަވަން ތައްޔާރަން ހުންނެވިކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް