އައްޑޫ ސިޓީ ހުޅުމީދޫގައި ކޯވިޑް-19ގެ އެކްޓިވް ކޭސް އެއް ނެތް ނަމަވެސް، ކާފިއު ހިންގަމުން އަންނާތީ ރައްޔިތުން ރުޅަގަދަވެ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ހުޅުމީދޫގައި އެކްޓިވް ކޭސްތައް ގުނަނީ ހުޅުދޫ އާއި މީދޫ ވަކިންނެވެ. މިވަގުތު މި ދެ ރަށުގައި އެކްޓިވް ކެސް އެއް ނެތް އިރު، ފާއިތުވި ހަތް ދުވަހު ހުޅުމީދޫއިން ނެގުނު އެއްވެސް ރެންޑަމް ސާމްޕަލްއެއް ވެސް ކޯވިޑް-19 އަށް ފައްސި ނުވެއެވެ.
އެކަމަކު ހުޅުމީދޫގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް ލުޔެއް އަދި ނުދެއެވެ. އެހެންކަމުން އެޗްޕީއޭއިން އަންގާފައިވާ ގޮތަށް އަދި ވެސް ދަނީ ކޮންމެ ދުވަހަކު ހަވީރު 4 އިން ފަތިހު 4 އަށް އެ ދެ ރަށުގައި ކާފިއު ހިންގަމުންނެވެ. އަދި ޖަމާއަތް ހަދައިގެން މިސްކިތްކަުގައި ނަމާދުކުރުން ވެސް އޮތީ މެދުކަނޑާލާފައި އެވެ.
އެހެންވެ އެ ރަށުގެ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ހުޅުމީދޫ ގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ނުލިބޭތީ ގިނަ ވިޔަފާރިވެރިން ވެސް ތިބީ ކަންބޮޑުވެފައެވެ. ކެފޭ، ރެސްޓޯރެންޓް އަދި ސެލޫންތައް ހުޅުވައިގެން ހިންގޭނީ ލުޔެއް ލިބިގެންނެވެ.
މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު މީދޫ އިން ކޯވިޑް-19ގެ ކޭސް އެއް ފެނި، ހުޅުދޫގައި ދުއްވާ ނިއުލައިން ބޯޓުގެ ފަޅުވެރިންތަކެއް ރޯގާއަށް ފައްސިވުމާއި ގުޅިގެން ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނިކޮށް، ހިތަދޫން ކޭސްތަކެއް ފެނި މުޅި އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ މޭއި 2 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް