ސަން އައިލޭންޑް ރިސޯޓުގައި ހުންނަވާ ބޭފުޅަކާ މަޝްވަރާ ކުރަން އުނދަގޫ ވާނެ ކަމަށް ވިދާޅުވެ، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، ޖުމްހޫރީ ޕާޓީ އަސާއި އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އަށް ރައްދުދެއްވައިފިއެވެ.
ދޮންބިލެތް ހަލީމް މި މޭރުމުން ރައްދު ދެއްވީ، އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅީ މަޝްވަރާނުކޮށް ކަމަށް ޖުމްހޫރީ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވާތީ ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ދޮންބިލެތް ހަލީމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް އަންނާނީ ކެބިނެޓުގައި އެ ބިލަކާއި މެދު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށާއި ކެބިނެޓުގައި ކޯލިޝަންގެ ހުރިހާ ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން އެބަތިބި ކަމަށެވެ.
ނަމަވެސް ކެބިނެޓުގައި ހުށަހެޅޭ މައްސަލަތަކަށް ޕާޓީތަކުގެ ވަޒީރުން އާނބަސް ބުނާއިރު، ޕާޓީއެއްގެ ލީޑަރު ތަނެއްގައި ފިލާ ހުންނަވައިގެން މަޝްވަރާ ނުކުރައްވާ ކަމަށް ވިދާޅުވުމަކީ ހިތާމަހުރި ކަމެއް ކަމަށް ދޮންބިލެތް ހަލީމް ވިދާޅުވިއެވެ.
"ސަން އައިލޭންޑުގައި ހުންނަވާ ބޭފުޅަކާ މަޝްވަރާ ކުރަން އުނދަގޫ ވާނެ. އެހެން ނަމަވެސް ކެބިިނެޓުގައި ތިއްބަވާ ބޭފުޅުންނާ ރައީސް މަޝްވަރާ ކުރައްވާ. ކެބިނެޓާއެކު ކުރެވޭ މަޝްވަރާތަކަކީ ކޯލިޝަން ސަރުކަރާއެކީގައި ކުރެވޭ މަޝްވަރާތަކެއް. ހުރިހާ ޕާޓީތައް އެކުލެވޭ ގޮތަށް ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ" ދޮންބިލެތް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަގުބޫލުކަން ގެއްލޭ ފިޔަވަޅެއް ސަރުކާރަށް އެޅޭ ކޮންމެ ފަހަރަކު އެކަން ހަމައެކަނި އެމްޑީޕީގައި ބޮލުގައި އަޅުވާއިރު، މޮޅު ކަމެއް ކުރެވިއްޖެނަމަ އެއީ ކޯލިޝަން ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ދެއްކުމަކީ ބޭއިންސާފެއް ކަމަށްވެސް ދޮންބިލެތް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް