ބައިވެރިޔަކު އިހުތިޔާރުކުރުމުގައި ފުރަތަމަ ބަލާނީ ދީންވެރިކަމަށް ރީތި ކަމަށް ބަލާނީ އެންމެ ފަހުން!

ދިވެހި ބަސްފޮތުގައި ވާ ގޮތުގައި، ކައިވެންޏަކީ އަންހެނަކާ ފިރިހެނަކު ފިރިޔަކާ އަންބެއްގެގޮތުގައި ދިރިއުޅުމަށް ދީނީ ހަމަތަކުގެ މަތިން އެދެމީހުން ގުޅުވައިދޭ ގުޅުވައިދިނުމަށް ކިޔާ ނަމެކެވެ. އިސްލާމްދީނުގަ...

18 Jun 2021 | 09:02

ދިވެހި ބަސްފޮތުގައި ވާ ގޮތުގައި، ކައިވެންޏަކީ އަންހެނަކާ ފިރިހެނަކު ފިރިޔަކާ އަންބެއްގެގޮތުގައި ދިރިއުޅުމަށް ދީނީ ހަމަތަކުގެ މަތިން އެދެމީހުން ގުޅުވައިދޭ ގުޅުވައިދިނުމަށް ކިޔާ ނަމެކެވެ.

އިސްލާމްދީނުގައި ކައިވެންޏަކީ ސުންނަތްކަމެކެވެ. ނަމަވެސް ކައިވެންޏަކީ ޙާލަތު ނިޔާ ކުރާ ގޮތެއްގެ މަތީން ބައެއް ފަހަރަށް ވާޖިބުވެ، އަނެއްބައި ފަހަރަށް މުބާޙުކަމަކަށްވެ، އަނެއްބައި ފަހަރަށް މަކްރޫޙަކަމަކަށްވެ، އަދި އަނެއްބައި ފަހަރަށް ޙަރާމްވެސްވާ ކަމެކެވެ.

ކައިވެނި ނުކޮށްފި ނަމަ ނުބައިކަމަކަށް އަރައިގަނެވިދާނެ ކަމުގެ ބިރުހީވާނަމަ، އެފަދަމީހެއްގެ މައްޗަށް ކައިވެނިކުރުން ވާޖިބުވާނެއެވެ. ހަމައެފަދައިން ދުވަސްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ޝަހްވަތެއް ނެތި އަދި ކައިވެނިކުރުމަށް ބޭނުންޖެހުމަކާއި ނުލައި ކައިވެނިކުރުން މުބާޙް (އެބަހީ ހުއްދަ) ވާނެއެވެ. އަދި މިފަދަ ސަބަބަކާހުރެ ކައިވެނިކުރުން މަކްރޫޙަވެސް ވެދާނެއެވެ. މުސްލިމުންނާ ހަނގުރާމަކުރަމުންދާ ކާފަރުންގެ ބިމެއްގައިވާ މުސްލިމަކު، ޟަރޫރަތަކާނުލައި ކައިވެނިކުރުންފަދަ ސަބަބަކާހުރެ ކައިވެނިކުރުން ޙަރާމް ވާނެއެވެ.

އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވާ ގޮތުގައި އާއިލާއެއްގައި ދެމަފިރިންކުރެ އަނބިމީހާއަކީ ޚާއްޞަގޮތެއްގައި ވަކި ޚާއްޞަ ޒިންމާތަކެއް އެކަނބަލުންނާ ޙަވާލުކުރައްވާފައިވާ ބައެކެވެ. ގޭތެރޭގެ ކަންތައްތައް އިޞްލާޙް ކުރުމާއި، ދަރިން ތަރުބިއްޔަތުކުރުންފަދަ ބުރަ މަސްޢޫލިއްޔަތްތަކުގެ އެންމެ އިސްމަޤާމު އަދާކުރާނެ މީހަކީ އަނބިމީހާއެވެ. ކަންމިހެން ހުރިއިރު، އަނބިމީހާއަކީ މިކަމަށް ޤާބިލު، މިފަދަ ކަންކަމުގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި ނެގޭނެ މީހަކަށް ވާންޖެހޭނެއެވެ.

އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “تُنْكَحُ الْمَرْأَةُ لأِرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِينِهَا، فَاظْفَرْ بِذَاتِ الدِّينِ، تَرِبَتْ يَدَاكَ” މާނައީ: “ހަތަރުކަމަކަށްޓަކައި އަންހެނުންނާ ކައިވެނިކޮށް އުޅެއެވެ. އެއީ އެކަނބުލޭގެ މުދާވެރިކަމަށާއި، ޙަސަބަށާއި، ރީތިކަމަށާއި، ދީންވެރިކަމަށެވެ. ފަހެ، ދީންވެރި އަންހެނާ ޚިޔާރުކުރާށެވެ. (ނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ. (އެބަހީ ތިބާ ފަޤީރުވެ، ޙަޔާތް ބަރުބާދުވެދާނެއެވެ.)” (ބުޚާރީ 5090، މުސްލިމް 1466)

މިޙަދީޘުން ދަލީލުލިބޭގޮތުގައި އަނތްބެއް ޚިޔާރުކުރުމުގައި ބަލަންޖެހޭ އެންމެ މުހިއްމުކަމަކީ އެކަނބުލޭގެ ދީން ވެރިކަމަށެވެ. ހަމައެއާއެކު ޚިޔާރުކުރާ އަންހެންމީހާއަކީ، އެމީހެއްގެ ޙަޔާތަށް އުފާވެރިކަމާއި ހިންހަމަޖެހުން ގެނެސްދޭނެ ފަދަ މީހެއްތޯ ބަލަންޖެހޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް ފުޅުތަކުގައި ވާފަދައިން، އުފާވެރިކަން ގެނެސްދޭނެ ކަންތަކުގެ ތެރެއިން އެއްކަމަކީ، އެއަންހެންމީހާއަށް ބަލާލައިފިނަމަ ހިތްހަމަޖެހޭ، އެނާއާ ދުރުގައިވާ ހިނދު، އެކަނބުލޭގެ ނަފްސާއި މުދަލާމެދު އެކަނބުލޭގެއަށް ޔަޤީންކަން އޮންނަ ޞާލިޙު އަންބެކެވެ. ހަމައެފަދައިން އަންހެންމީހާގެ އަޚްލާޤަށާއި، އެކަނބުލޭގެއަކީ ދަރިން ލިބޭ އަންހެނެއްތޯއާއި، އެކަނބުލޭގެ ރީތިކަމަށާއި، ޙަސަބަށާއިނަސަބަށް ރިޢާޔަތްކުރުންފަދަ ކަންކަން ހިމެނެއެވެ.

ހަމައެފަދައިން ފިރިމީހާއަކީ އަނބިމީހާއާއި އެދެމީހުންނަށް ލިބޭ ދަރިންނަށް އަޅާލުމާއި، އެބައިމީހުން ސަލާމަތްތެރިކާމާއެކު ބެލެހެއްޓުމުގެ އިސްމަޤާމު އަދާކުރާ މީހާއެވެ. ކަންމިހެންހުރި އިރު، ކައިވެނިކުރާ ފިރިހެންމީހާއަކީ މިފަދަ ކަންކަމަށް ޤާބިލު، ކަމަށް އެކަށީގެންވާ މީހެއްތޯ ބެލުމަކީ އަންހެންމީހާއަށާއި އެއަންހެންމީހާގެ ވަލީވެރިޔާއަށް ވަރަށްވެސް މުހިއްމުކަމެކެވެ. މިގޮތުން އަންހެންމީހެކޭ އެއްފަދައިން ފިރިމީހެއް ޚިޔާރުކުރުމުގައި މަތީގައި ބަޔާންވެދިޔަ ޞިފަތަކަށް ރިޢާޔަތްކުރުމަކީ މުހިއްމުކަމެކެވެ.

މަސްދަރު: އައްޝައިޚް މުޙައްމަދު ސިނާން، ދިވެހިބަސް ފޮތް، ދިވެހިބަހުގެ ވިދާރާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް