ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ހާންގެ ފިލްމީ ހަޔާތުގައި ކުޅޭ ފުރަތަމަ ބަޔޯޕިކްއަށް ސޮއިކޮށްފި އެވެ.
32 އަހަރުގެ ކެރިއަރުގައި ސަލްމާން ކުޅޭ ފުރަތަމަ ބަޔޯޕިކްގެ ޑައިރެކްޓަރަކީ ރާޖް ކުމާރު ގުޕްތާއެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު ހެދުމަށް ޑައިރެކްޓު ގުޕްތާ ވަނީ ފަސް އަހަރު ވަންދެން ދިރާސާ ކޮށްފައި އެވެ.
މި ފިލްމަކީ އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އަދި މަޝްހޫރު ޖާސޫސް ކަމަށްވާ ރަވިންދުރަ ކައުޝިކްގެ ހަޔާތަށް ހަދާ ފިލްމެކެވެ. ރަވިންދުރަ އަންމުންގެ މެދުގައި މަޝްހޫރުވެފައި ވަނީ "ބްލެކް ޓައިގާ" ގެ ނަމުންނެވެ.
މި ފިލްމުގެ ނަމަށް ކިޔަން އެންމެ ރަނގަޅު ނަމަކީ ބްލެކް ޓައިގާ ކަމަށް ޑައިރެކްޓަރު ގުޕްތާ ބުނެފައިވެ އެވެ. އެކަމަކު އެ ނަން ނުކިޔާނެ ކަމަށާއި ކިޔާނީ ތަފާތު އެހެން ނަމެއް ކަމަށް އޭނާ ބުންޏެވެ. އެއީ ސަލްމާންގެ ފިލްމުތަކަށް "ޓައިގާ" ކިޔާފައިވާތީ އެވެ.
މި ފިލްމުގެ މަސައްކަތް ސަލްމާން ފަށާނީ މިހާރު ސޮއިކޮށްފައިވާ ހުރިހާ ފިލްމެއްގެ މަސައްކަތްތަކެއް ނިމުމުންނެވެ. އޭގެ ތެރޭގައި ފިލްމު "ބައިޖާން (ކަބީ އީދު ކަބީ ދިވާލީ") އަދި ފިލްމު "ޓައިގާ 3" ހިމެނެ އެވެ.
މި ފިލްމު ކުޅެން ސަލްމާން ސޮއި ކުރިޔަސް މިއީ އޭނާއަށް އާ ކެރެކްޓާއަކަށް ނުވާނެ ކަމަށް ސަލްމާންގެ ގާތް މީހުން ބުނެފައިވެ އެވެ. އެއީ މީގެ ކުރިން އޭނާ ކުޅެފައިވާ ޓައިގާ ސީރީޒްގެ ފިލްމުތަކުގައި ކުޅެފައިވަނީ މުޅިންވެސް ޖާސޫސެއްގެ ރޯލެވެ.
ހަމައެކަނި ގުޕްތާގެ މި ފިލްމު ހާއްސަވާ ސަބަބަކީ މިއީ ސަލްމާންގެ ފުރަތަމަ ބަޔޯޕިކްއަށް ވުމުގެ އިތުރުން މި ފިލްމަކީ ހަގީގީ ދިރިއުޅުމުގައި ޖާސޫސެއްގެ މަސައްކަތް ކޮށްފައިވާ މީހެއްގެ ކެރެކްޓާއެއް ސަލްމާން ކުޅޭ ފުރަތަމަ ފަހަރަށް ވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް