ރ. ދުވާފަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.
ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ޖޫން މަހުގެ 14 ވަނަ ދުވަހު ނިންމާލާފައިވާކަން އެ މަޝްރޫޢުއާ ހަވާލުވި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެއެވެ. އެމްޓީސީސީން ބުނީ އެރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުން ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ބުންޏެވެ. މި ކަމަށް 143.11 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ދުވާފަރަކީ 2004 ވަނަ އަހަރު ހިނގި ސުނާމީ ކާރިސާގައި ރ. ކަނދޮޅުދޫ ސުންނާފަތިވެ އެ ރަށުގައި ދިރިއުޅުނު މީހުން އާބާދުވުމަށް އަލުން ތަރައްޤީކުރި ރަށެވެ.
ކަނދޮޅުދޫ މީހުންނަށް ދުވާފަރުގައި ދާއިމީ ބޯހިޔާވަހިކަމެއް ޤާއިމުކޮށް، އެރަށަށް މީހުން ބަދަލުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް