އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ކުށްވެރިކޮށް ކައުންސިލްތަކުން ބަޔާން ނެރުން ހުއްޓުމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އެދިވަޑައިގެންފިއެވެ.
މިނިސްޓަރު މުހައްމަދު ޝިފާޒް މިކަމަށް އެދިވަޑައިގަތީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ކުށްވެރިކޮށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ބަޔާން ނެރެފެވައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ހިމެނިވަޑައިގަންނަވާ ކައުންސިލްތައް ވެސް ހިމެނެއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް، ޝިފާޒް ވިދާޅުވީ ކައުންސިލްތަކުން ނެރެމުންދާ ބަޔާންތަކަކީ ސަލަފުގެ ބަޔާނެއް ކަމަށެވެ. އަދި އެއީ ހަރުކަށި ފިކުރަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މާތް މަގުސަދެއްގައި ހުށަހެޅި ބިލު ސެކިއުލާ ބިލަކަށް ހަދައިގެން އެމްޑީޕީ އަށް އަމާޒުކޮށް ޖަމިއްޔަތުއް ސަލަފުން ފަށާފައިވާ ކެމްޕެއިނެއްގެ ގޮތުގައި ކަމަށް ޝިފާޒް ސިފަކުރެއްވިއެވެ.
"ގައުމީ މަޖިލީހުގެ އެންމެހާ ދާއިރާ ރައީސުންގެ ކިބައިން އެދެން ބޭނުން، އެ ދާއިރާއެއްގެ ކައުންސިލު މެދުވެރިކޮށް ސަލަފުގެ އެ ބަޔާން ނެރެމުންދާ ނެރުމަށް ތިބޭފުޅުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާށޭ އެކަން ނުކުރެވޭނެ ގޮތަކަށް" ކަންބޮޑުވުމާއެކު ޝިފާޒު ވިދާޅުވިއެވެ.
ނަފްރަތުގެ ބިލާ ދެކޮޅަށް ނެރޭ ބަޔާންތަކުގެ ބަދަލުގައި އިންސާފަށް އެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިމާވެފައިވާ ނުތަނަވަސް ހާލަތުން އެމަނިކުފާނަށް އަވަސް އިންސާފެއް ލިބުމަށް އެދި ބަޔާންތައް ނެރުމަށް ވެސް ޝިފާޒް އެދިވަޑައިގަތެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ކެމްޕޭން ކުރަނީ ސަލަފް ޖަމިއްޔާ އިން ކަމަށް ޝިފާޒް ވިދާޅުވި ނަމަވެސް އިއްޔެ 101 އިލްމުވެރިޔަކު ސޮއި ކުރައްވާ ބިލު އަނބުރާ ގެންދިއުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.
ޕެޓިޝަންގައި ބުނެފައިވަނީ ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރު އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.
"ސެކިއުލަރ ހަރަކާތްތައް މި ގައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅިގެން އެކި ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާއި ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ހަގީގަތްކަން ދިވެހި މުޖުތަމައުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބަ އޮތެވެ." ޕެޓިޝަންގައި ބުނެފައި ވެއެވެ.
އިލްމުވެރިން ބުނީ، އެފަދަ ހާލަތުގައި ވެސް ދީނާ ދެކޮޅަށް ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް އިލްމުވެރިންނާއި ދީނަށް ޢީރަތްތެރިކަން ހުންނަ އާއްމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން ދީނުގެ ދިފާއުގައި ތެދުވާ މީހުންނަށް ދައުވާ އުފުލޭނެ ގޮތަށް އޮތުމަކީ މި ވަތަނުގެ ދީނާއި ގައުމިއްޔަތާ ހިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރުން ބުނީ، މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވި ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސަށް ވެސް ދެވެން ނޯންނާނެ ކަމަށާއި އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް