އަފްގާނިސްތާނުގައި ހައްޔަރު ކުރި ޝާފިއުއަށް ދިވެހި ފުލުހުން އަނިޔާކުރި ވާހަކަ ދޮގުކޮށްފި

އަފްގާނިސްތާނުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ އަލީ ޝާފިއުއަށް ދިވެހި ފުލުހުން އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ. ޝާފިއު ހަނގުރާމައ...

18 Jun 2021 | 05:37

އަފްގާނިސްތާނުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ އަލީ ޝާފިއުއަށް ދިވެހި ފުލުހުން އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

ޝާފިއު ހަނގުރާމައިގަ ބައިވެރިވާން ދިޔަ ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުންނަށް ލިބުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު ގައި އެވެ.

އަފްގާނިސްތާނުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހައްޔަރުކުރި އައިއެސް ހަނގުރާމަވެރިންތަކެއްގެ ތެރޭގައި ޝާފިއުއި އޭނާގެ އަންހެނުންނާއި ދަރިންވެސް ހިމެނެ އެވެ. އަދި އެ މައްސަލައިގަ އެ މީހުންގެ މައްޗަށް ދައުވާކޮށް ހުކުމް އިއްވައި ވަނީ ޖަލަށް ލާފަ އެވެ.

އެމީހުންގެ މައްޗަށް ހުކުމް ކުރީ އެ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަފްގާނިސްތާނުގެ ކޯޓަކުން ވަނީ ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެ މައްސަލައިގައި އޭނާގެ އަނބިމީހާއަށްވެސް ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

އެ މައްސަލައިގަ 2019 ވަނަ އަހަރު ދިވެހި ފުލުހުން އަފްގާނިސްތާނަށް ގޮސްފައިވެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުގައި ފުލުހުން ޝާފިއުގެ އާއިލާ އާއި އޭނާއަށް އަނިޔާކޮށް ހުތުބަހުން ވާހަކަދެއްކި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދޭ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ފުލުހުންނާއި ގުޅޭގޮތުން އެފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މައްސަލައިގަ އެ ދެމީހުންނަށް ހުކުމް އިއްވިޔަސް އެމީހުންގެ ދަރިންނާއި މެދު އަމަލު ކުރި ގޮތެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް