އިތުރު ކުއްޖަކު ހޯދަން ޚިޔާލެއް ނުކުރަން: ރިޝްމީ

އިތުރު ކުއްޖަކު ހޯދަން ޚިޔާލު ނުކުރާކަމަށް 'ޔާރާ' އާއިލާގެ މަޝްހޫރު ބަތަލާ އާއިޝަތު ރިޝްމީ ބުނެފިއެވެ. ރިޝްމީ މިހެން ބުނެފައި ވަނީ އޭނާގެ ފޭނުން އޭނާއާ ކުރިމަތި ކުރުވި ސުވާލު ތަކަކަށް ޖަވާބު ދެމުންނެވ...

18 Jun 2021 | 01:27

އިތުރު ކުއްޖަކު ހޯދަން ޚިޔާލު ނުކުރާކަމަށް 'ޔާރާ' އާއިލާގެ މަޝްހޫރު ބަތަލާ އާއިޝަތު ރިޝްމީ ބުނެފިއެވެ.

ރިޝްމީ މިހެން ބުނެފައި ވަނީ އޭނާގެ ފޭނުން އޭނާއާ ކުރިމަތި ކުރުވި ސުވާލު ތަކަކަށް ޖަވާބު ދެމުންނެވެ. އެގޮތުން، ރިޝްމީ ކުއްޖަކު ހޯދަން ޕްލޭން ކުރަންތޯ، ނުވަތަ ދުވަހަކުވެސް އިތުރު ކުއްޖެއް ހޯދަން ވިސްނަންތޯ ރިޝްމީގެ ސަޕޯޓަރެއް އަހާފައި ވެއެވެ.

އެއަށް ދިން ޖަވާބެއްގެ ގޮތުން ރިޝްމީ ބުނެފައި ވަނީ، އޭނާ މަސައްކަތް ކުރަނީ ލިބިފަ ހުރި ދަރިފުޅު ރަނގަޅަށް ބެލޭތޯ ކަމަށެވެ. އަދި ރަވީ އާ ދެމީހުންގެ ތިން ކުދިން އެބަ ތިބި ކަމަށާއި، އެކުދިން ރަނގަޅަށް ބަލައި އެކުދިންނަށް ރަނގަޅުގޮތެއް ހޯދައި ދެވޭތޯ މަސައްކަތްކުރާކަމަށް ރިޝްމީ ބުނެފައި ވެއެވެ.

ރަވީގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންނާއި ރިޝްމީގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅާއެކު ރިޝްމީއާއި ރަވީ އެކުގައި ވަގުތު ހޭދަ ކުރެއެވެ. ރިޝްމީ 'ތިންކުދިން' މާނަ ކުރަނީ އެކުދިންނަށްކަން ރިޝްމީގެ ސަޕޯޓަރުންނަށް އެނގޭނެއެވެ.

މީގެ އިތުރުން، ރިޝްމީ ބުނެފައި ވަނީ، އާމްދަނީ ލިބެނީ ވަރަށް މަސައްކަތް ކޮށްގެން ކިރިޔާ އުޅެވޭވަރަށް ކަމަށެވެ. ރާއްޖޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ، މީހުން ހީވާހާ ބޮޑު އާމްދަނީއެއް ލިބޭ ކަމެއް ނޫން ކަން ފާހަގަ ކުރަމުން ރިޝްމީ ބުނެފައިވަނީ، އިތުރު ކުއްޖެއް ހޯދަން ޚިޔާލު ނުކުރަނީ އެ ސަބަބާހެދި ކަމަށެވެ.

" މާލީ ހާލަތު މިއަށްވުރެ ރަނގަޅުވާ ދުވަހަކުން (އިތުރު ކުއްޖެއް ހޯދަން) ނުވިސްނާނަމެކޭ ނުބުނާނަން" ރިޝްމީ ބުނެފައި ވެއެވެ.

އާމްދަނީއާ ބެހޭގޮތުން އިތުރަށް އޭނާ ބުނީ، ހަމައެކަނި އެކްޓިންގް މަސައްކަތްތަކުން ލިބޭ އެއްޗަކަށް 'ޑިޕެންޑް' ވެގެން އުޅެވޭ ވަރަކަށް ފިލްމީ ދާއިރާގައި 'ނުލިބޭ' ކަމަށެވެ.

އެހެންކަމުން އާމްދަނީ ހޯދުމަށްޓަކައި، ފިލްމު ކުޅުން އެންމެ ރަނގަޅުވާނީ އެހެން ވަޒީފާއެއްގައި އުޅެމުން ގަޑިތައް ބަހާލައިގެން ފިލްމު ކުޅުން ކަމަށާއި، އެހެން ނަމަވެސް، އެގޮތަށް އެކަން ކުރެވޭނީ، ފިލްމު ކުޅުމަކީ ކުރާހިތުން ކުރާ ކަމެއްގެ ގޮތުގައި އެމަސައްކަތް ކުރާ މީހުންނަށް ކަމަށް ރިޝްމީ ބުނެފައިވެއެވެ.

ފިލްމު ކުޅުމަކީ ބުރަކަމެއް ކަމަށް ފާހަގަކުރަމުން ރިޝްމީ ބުނީ،ީ ހަމައެކަނި ލާރި ހޯދުމުގެ ބޭނުމުގައި ފިލްމު ކުޅުން 'ވޯތް' ނޫން ކަމަށެވެ.

ރާއްޖޭގައި ހަމަ މިދާއިރާއަކީ، އެހެން އާމްދަނީއެއް ނުލިބޭނަމަ، ހަމައެކަނި އެކްޓިންގް އަށް ހުސްވެގެން 'ސަރވައިވް' ވެވޭނެ ދާއިރާއެއް ނޫންކަމަށް ރިޝްމީ ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް