ޖުމްލަ 8219 ހިއްސާދާރުންނަށް 14 މިލިޔަނަށްވުރެ ގިނަ ހިއްސާ ވަނީ ދޫކުރެވިފައި: އުރީދޫ

އުރީދޫގެ ޙިއްޞާ ގަތުމުގެ މުއްދަތު ނިމިފައިވާއިރު، ހުށަހަޅާފައިވާ އެޕްލިކޭޝަން ތަކުގެ ތެރެއިން ކުންފުނިން އެކަށައެޅުމަށް ނިންމާފައިވަނީ 8219 ޙިއްޞާދާރުންނަށް 14،044،870 ޙިއްޞާ (ޖުމްލަ 421،346،100 ރުފިޔ...

18 Jun 2017 | 17:13

އުރީދޫގެ ޙިއްޞާ ގަތުމުގެ މުއްދަތު ނިމިފައިވާއިރު، ހުށަހަޅާފައިވާ އެޕްލިކޭޝަން ތަކުގެ ތެރެއިން ކުންފުނިން އެކަށައެޅުމަށް ނިންމާފައިވަނީ 8219 ޙިއްޞާދާރުންނަށް 14،044،870 ޙިއްޞާ (ޖުމްލަ 421،346،100 ރުފިޔާ) ކަމަށާއި މިއީ ދޫކުރެވިފައިވާ ޙިއްޞާގެ %9.5 ކަމުގައި އުރީދޫއިން ހާމަކޮށްފި އެވެ.

އުރީދޫއިން ބުނީ ލިސްޓިންގ ރޫލް އިން ލާޒިމުކުރާ ގޮތުގެ މަތިން، ޙިއްޞާ އެކަށައަޅާފައިވާ ލިސްޓު މިހާރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީއަށް ވާނީ އަޅުގަނޑުމެން ފޮނުވައި، ރަސްމީ ބަންދު ނޫން 14 ދުވަހުގެ ތެރޭގައި (13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ޑިޕޮސިޓް ރިކުއެސްޓެއް ފޮނުއްވުމަށް އެދިފައި ވާކަމަށާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީއިން ޑިޕޮސިޓް ރިކުއެސްޓް އަޅުގަނޑުމެންނަށް ލިބޭތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި (20 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ހުއްދަ ދިނުމަށްފަހު، ހުއްދަ ދީފައިވާ ލިސްޓު މޯލްޑިވްސް ސެކިއުރިޓީޒް ޑީޕޮސިޓަރީއަށް އަނބުރާ ހުށަހެޅޭނެ ކަމަށެވެ.

"ޙިއްޞާދާރުންގެ ޑިޕޮސިޓަރީ އެކައުންޓުތަކަށް ޙިއްޞާ ޖަމަޢުވިކަން މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އިން ރަސްމީ ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި (31 ޖުލައި 2017 ވާ ހޯމަ ދުވަހުގެ ނިޔަލަށް) އަޅުގަނޑުމެންނަށް އެންގެވުމާއެކު، އެކަން ރަސްމީ ބަންދު ނޫން ފަސް ދުވަސް ތެރޭގައި (7 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ ނިޔަލަށް) އަޅުގަނޑުމެން ޢާންމުކޮށް އަންގާ އިޢުލާނުކުރާނަމެވެ. މީގެ އިތުރުން، ޖަމަޢުކުރެވިފައިވާ ޙިއްޞާގެ އަދަދާއި އެމްއެސްޑީ އެކައުންޓުގެ މައުލޫމާތު ހުރިހާ ޙިއްޞާދާރުންނަށް ލިޔުމުންވެސް އެންގޭނެ ވާހަކަ ދަންނަވަމެވެ" އުރީދޫއިން ހާމަކުރެ އެވެ.

އުރީދޫއިން ބުނެފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އެކައުންޓުތަކަށް ޙިއްޞާތައް ޖަމަޢު ކުރެވުނުކަން އާންމުކޮށް އަންގައި އިޢުލާނުކުރާތާ ރަސްމީ ބަންދު ނޫން 3 ދުވަސް ތެރޭގައި (10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް) ޙިއްޞާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ގަނެވިއްކަން ފެށުމަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި އުރީދޫ މޯލްޑިވްސް އިން ދަނީ މަތީގައި ދެންނެވުނު މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް ސެކިއުރިޓި ޑިޕޮސިޓަރީ އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށެވެ.

"އުރީދޫގެ ޙިއްޞާގެ ބަޔާނުގައި ބަޔާންކޮށްފައިވާ ތާރީޚުތަކަށް ބަދަލު އައިސްފައިވަނީ، ޙިއްޞާ ބަޔާން ނެރުނު ފަހުން ބައެއް ރަސްމީ ބަންދު ނޫން ދުވަސްތައް ބަންދު ކުރެވުމާގުޅިގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރަސްމީކޮށް އިތުރު ދުވަހެއް ބަންދުކުރެވިއްޖެނަމަ، ތާރީޚުތަކަށް ބަދަލުއައުން އެކަށީގެންވާ ވާހަކަވެސް ދަންނަވާލީމެވެ. " އުރީދޫއިން ބުނެފައި ވެ އެވެ.

އުރީދޫއިން އިތުރަށް ބުނެފައިވަނީ އުރީދޫގެ ކަސްޓަމަރުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން އުރީދޫގެ އައި.ޕީ.އޯ. އަށް ދެއްވާފައިވާ އެއްބާރުލުމާއި، ތަރުޙީބަށް އަޅުގަނޑުމެން ޝުކުރު ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް