ފަގީރުންގެ ލިސްޓުގަ އަލަށް ރެޖިސްޓްރީވާން ތިން ހާހަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅައިފި

ފަގީރުންގެ ލިސްޓުގައި އަލަށް ރެޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި 3،000 ށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ދުވަހ...

18 Jun 2017 | 10:00

ފަގީރުންގެ ލިސްޓުގައި އަލަށް ރެޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި 3،000 ށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 18 ވަނަ ދުވަހު ހަމަވި އިރު މާލެ، ހުޅުމާލެ އަދި ވިލިމާލެއިން 686 ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އަތޮޅުތެރެއިން ޖުމްލަ 2،600 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ތެރެއިން ފަގީރުންގެ ލިސްޓުގައި ރެޖިސްޓްރީ ކުރެވޭ މީހުންގެ ނަންތައް ކަނޑައަޅާނީ މިހާރު ހުޅުވާލާފައިވާ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އަލަށް ފޯމް ހުށަހެޅި ފަރާތްތަކާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އަދި އަތޮޅު ތެރޭގައި ކައުންސިލް އިދާރާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށެވެ.

ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 12،335 މީހުން ރަޖިސްޓަރީ ކުރި އެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ރަޖިސްޓްރީ ކުރި ކޮންމެ ފަގީރަކަށް 900 ރުފިޔާ އަދި ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 400 ރުފިޔާ ބަހާފައިވެ އެވެ.އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް