އިއްސެ މަރާލިކަމަށް ބަންގްލަދޭޝް މީހާ އެއްބަސްވެއްޖެ

ހއ. އިހަވަންދޫގައި މިފްކޯއިން ހިންގާ އައިސްޕްލާންޓުތެރޭގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އަތިރީއާގޭ އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމަށް އޭނާ އާއި އެކު އެތަނުގައި ވަޒ...

18 Jun 2017 | 09:21

ހއ. އިހަވަންދޫގައި މިފްކޯއިން ހިންގާ އައިސްޕްލާންޓުތެރޭގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އަތިރީއާގޭ އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމަށް އޭނާ އާއި އެކު އެތަނުގައި ވަޒީފާ އަދާކުރި ބަންގްލަދޭޝް މީހާ އެއްބަސްވެއްޖެ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ސުމަން މިއާ، އިއްސެއަށް ހަމާލާދީ މަރާލި ކަމަށް އެއްބަސްވެ މަރާލި އިރު ލައިގެން ހުރި އެއްޗެހި ފުލުހުންނަށް ދައްކާފައިވާ ކަމަށެވެ. އަދި އިސްމާއިލް އުމަރު މަރާލަން ހަމަލާދިން ވަޅިވެސް ފުލުހުންނަށް ހޯދިފައިވާ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު އޭނާ އިއްސެއަށް ހަމާލާދީ މަރާލަން ޖެހުނު ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އިއްސެ މަރާލުމުގައި ސުމަން އަށް އެހީވެދީ ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު ބިދޭސިއަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އިއްސެ މަރާލާފައި އޮއްވަ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:15 ހާއިރު އެވެ. ފުލުހުން ބުނީ އިއްސެގެ ހަބަރެއް ނުވެގެން ގޮސް އައިސްޕްލާންޓުގައި އެމީހުން ނިދާ ކޮޓަރީގެ ދޮރު ހުޅުވަން ބެލި އިރު ތަޅުގައި ލޭ ހުރި ކަމަށެވެ. އަދި އެތެރޭގައި ބޮކި ދިއްލާފަ ހުރިކަންވެސް ފާހަގަވި ކަމަށެވެ.

ސުމަން މިއާ އަކީ އިއްސެ އާއި އެއް ކޮޓަރިއެއްގައި ނިދާ މީހެކެވެ. ސުމަން އިއްސެ މަރާލުމުގެ ތިން ދުވަސް ކުރިން އެ ތަނުން ފިލާފައިވާއިރު ފުލުހުންނާއި އެ ރަށު ކައުންސިލުން އޭނާ ހޯދަން މަސައްކަތް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް