ހއ. ހޯރަފުށީގައި ކޭބަލް ޓީވީގެ ހިދުމަތްދޭ ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ހުއްދަ ނުހޯދާ އިތުރު ޗެނަލްތަކެއް ރީ ބްރޯޑްކާސްޓު ކޮށްފައިވާ ކަމަށް ބުނެ އެ ކުންފުނި 24،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގު ކުރުމަށް ފަހު މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ކުންފުންޏަށް ހުއްދަ ދީފައި ނުވާ ޗެނަލްތަކެއް އެ ރަށަށް އެކި ފަހަރުމަތިން ރީ ބްރޯޑްކާސްޓް ކުރި ކަމަށް އެ ރަށު ކައުންސިލުން އެ ކޮމިޝަނަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް އެ ޗެނަލްތައް ދެއްކުމުގެ ހައްގު އޮތްކަން ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެފައިވެ އެވެ.
ބްރޯޑްކޮމްއިން ބުނީ ރީބްރޯޑްކާސްޓު ކުރާ ކުންފުނިތަކުން އެފަރާތަކުން ރީބްރޯޑްކާސްޓު ކުރާ ޗެނަލްތަކުގެ ލިސްޓަށް ޗެނަލެއް އިތުރުވާނަމަ އެކަން އެ ކޮމިޝަނަށް އަންގައި ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ވަނީ ހުއްދަ ނުހޯދާ 12 ޗެނަލެއް ރީ ބްރޯޑްކާސްޓުކޮށްފައި އެވެ.
އެހެންވެ ކޮމިޝަނުން ނިންމާފައިވަނީ އޭގެން ކޮންމެ ޗެނަލެއް ދައްކާފައިވާތީ 2،000 ރުފިޔާއިން ޖޫރިމަނާ ކުރާށެވެ. ބްރޯޑްކޮމްއިން ބުނީ 12 ޗެނަލަށްވާ 24،000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދައްކަން ޖެހޭނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ބްރޯޑްކޮމްއިން ވަނީ ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދޭ މީޑިއާނެޓު ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި އެވެ. މީޑިއާ ނެޓް ޖޫރިމަނާ ކުރީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއްގެ ގޮތުގައި އަލްޖަޒީރާއިން ދެއްކި ސްޓީލިން ޕެރެޑައިސް ރީ ބްރޯޑްކާސްޓު ކޮށްފައިވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް