އެކުވެރި އަރަބި އިމާރާތުގެ ވިޔަފާރީގެ މައި މަރުކަޒު ދުބާއީ އަކީ މިހާރު ޓޫރިޒަމް ދާއިރާއިންނާއި ވިޔަފާރީގެ ދާއރާގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ މުސްލިމް ގައުމެއްގެ ސިޓީ އެވެ. ދުބާއީގައި ޓޫރިޒަމް ކުރި އަރުވަނީ ވަކި ސަރަހައްދުތަކެއްގައި އިސްލާމް ދީނާއި ހިލާފު އަމަލުތައް ނުކުރެވޭގޮތަށް ގާނޫނުތަކާއި ގަވައިދުތަކެއް ހަދައިގެންނެވެ.
ހަމައެގޮތަށް ރާއްޖޭގައިވެސް ޓޫރިޒަމް ޕްރޮމޯޓުކޮށް ކުރިއަރުވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި އާއި އެނޫންވެސް ތަންތަނުގައި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި ހެދިފައިވާ ގާނޫނާއި ގަވައިދުތަކެއްގެ ތެރެއިންނެވެ. އެކަމަކު ހުރިތަފާތަކީ ރާއްޖޭގައި އެކަށީގެންވާގޮތުގައި މި އުސޫލުތައް ތަންފީޒު ކުރެވޭތަން ނުފެންނާތީ އެވެ.
ދާދިފަހުން ދުބާއީގައި މީހުން ގިނަ މަގެއްގައި ބާރު ސްޕީޑުގައި އަޑުގަދަކޮށް ހަޅޭއްލަވަމުން ސައިކަލު ދުއްވި ޒުވާނުންތަކަކަށް ރަނގަޅު އަދަބެއް ދީފައި ވެ އެވެ. އެއް މަސްދުވަސް ވަންދެން އެ ކުށުގެ އަދަބެއްގެ ގޮތުގައި އެ މީހުން ވަނީ މަގުމަތި ސާފުކޮށްފައި އެވެ.
ދުބާއީގަ މަސްތުވާތަކެތި ބޭނުން ކުރުމާއި، މަގުމަތީގައި ރާ ބުއިމަކީ މަނާކަމެކެވެ. ބިދޭސީންނަށް ގޭގައި ރާ ބޮވޭނީ ވަކި ލައިސެންސެއް އޮވެގެންނެވެ. ހޮޓަލެއް ނުވަތަ ގެސްޓް ހައުސްއެއްގަ ރާ ބޮވޭނީ އެ ލައިސެންސް އޮންނަ ތަންތަނުގައި އެވެ. މި ނޫން ގޮތަކަށް އަމަލު ކޮށްފި ނަމަ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރެ އެވެ. މަސްތުވާތަކެތި ބޭނުން ކުރުމަކީވެސް ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައި އޮންނަ ކުށެކެވެ. މަސްތުވާން ބޭނުން ކުރެވިދާނެ ކަމަށް ބަލައި ބައެއް ބާވަތްތަކުގެ ބޭހަކީވެސް އެތެރެ ކުރުން މަނާ ބޭސްބޭހެވެ.
ދުބާއީއަށް ގޮސް އުޅޭ ފަތުރުވެރިންނަށް ފޮޓޯ ނެގިދާނެ އެވެ. އެކަމަކު ނަގަން ޖެހެނީ ވަރަށް ވިސްނައިގެންނެވެ. ދުބާއީގެ ރަށްވެހިންގެ ފޮޓޯ ނެގުމަކީ ހުއްދަ ނަގައިގެން ނޫނީ މަނާކަމެކެވެ. ހާއްސަކޮށް އަންހެނުންގެ ފޮޓޯއެއް ނުނެގޭނެ އެވެ. ފަތުރުވެރިންނެތް ކަމަކު މަގުމަތީގައި ގައިގޯޅިވެގެންނެތް ނޫޅެވޭނެ އެވެ. ދާދިފަހުން އިނގިރޭސިވިލާތުގެ ދެމީހަކު ދުބާއީގެ ގޮނޑުދޮށެއްގައި ބަދުއަހުލާގީ އަމަލު ހިންގަން ތިއްބަ ހައްޔަރުކޮށް ޖަލަށް ލާން ހުކުމް ކޮށްފައިވެ އެވެ.
ދުބާއީގައި ހެދުން އެޅުމަކީވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ފަތުރުވެރިންގެ ތެރެއިން ފިރިހެނުންނަށް ހުސްގަޔާ މޫދަށް އެރެވުނު ނަމަވެސް އަންހެނުންނަށް މޫދަން އެރެވޭނީ އެކަށީގެންވާ ގޮތަށް ނިވާވާގޮތަށް ހުންނަ ސުވިމް ސޫޓު ލައިގެންނެވެ. އެކަމަކު ހެދުން ބާލައިގެން ހަމައެކަނި ބިކިނީ ލައިގެން އުޅުން މަނަލެވެ. އަދި މަގުމަތީގައި ފިރިހެނުން ގަމީސް ނުވަތަ ޓީޝާޓް ނުލައި އުޅުމަކީވެސް މަނާ ކަމެކެވެ. އަދި އަންހެނުންވެސް ނިވާކަން ކުޑަކޮށް އުޅުމަކީ މަނާކަމެކެވެ.
ރޯދަ މަހު ފަތުރުވެރިއަކަސް ދުބާއީގަ މަސައްކަތް ކުރާ ބިދޭސިއަކަސް މަގުމަތީގަ ކައި ބޮއެ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. އަދަބެއް ކަނޑައެޅިފައި ނެތަސް ދުބާއީގަ މީހުންނާއި މުއާމަލާކޮށް ކަންކަން ކުރުމުގައި އިސްކުރަން ޖެހޭނީ ކަނާއަތެވެ. ނުވަތަ ކަނާތް ފަރާތެވެ. އެއީ އެގައުމުގެ ރައްޔިތަކަށްވިޔަސް ފަތުރުވެރިއަކަށް ވިޔަސް އޮންނަ ގަވައިދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް