ދިވެހި ދެމަފިރިއަކަށް އެއްމާބަނޑު ހަތަރު ކުދިން ލިބިއްޖެ އެވެ.
ށ. ފޯކައިދޫ ފިރިހެނަކާއި އއ. މަންދޫ އަންހެނަކަށް ލިބުނު މި ހަތަރު ކުދިންނަކީ ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
ފުރަތަމަ ފަހަރަށް ބަލިވެ އިނދެ އަންހެން މީހާ ހަތަރު ކުދިން ވިހެއީ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި އެވެ. ދުވަސް ނުފުރާ ވިހޭ މިހަތަރު ކުދިން ނެގީ ސިޒޭރިއަން ހަދައިގެންނެވެ.
އެހެންވެ އަދި ހަތަރު ކުދިންނަށްވެސް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ ނިއޯނޭޓަލް އިންޓެންސިވް ކެއާގައި އެވެ. އެ ހަތަރު ކުދިންނާއި މައިމީހާގެ ހާލުވެސް އާދައިގެ ގޮތަކަށް ރަނގަޅެވެ.
ވިހެއުމަށް ފަހު ގިނަ އަދަދަކަށް އަންހެން މީހާއަށް ލޭބޭނުންވެގެން ލޭ ހޯދަން އިއުލާނު ކުރި އެވެ. އާއިލާއިން ބުނެފައިވަނީ ބޭނުންވާ ވަރަށް މިހާޜު ލޭ ލިބިފައިވާ ކަމަށެވެ.
ރާއްޖޭގައި އާންމުކޮށް އެއްމާބަނޑު ދެކުދިން ވިހާ ނަމަވެސް އެއަށްވުރެ ގިނައިން ވިހަނީ ވަރަށް މަދުންނެވެ. އަދި މިފަހަކުން ވިހާފައިވާކަމުގެ މައުލޫމާތެއް ނުލިބެ އެވެ. އެކަމަކު 2000 ގެ އަހަރުތަކުގެ ތެރޭގައި ކ. ހުރާ ދެމަފިރިއަކަށް އެއްމާބަނޑު ތިން ކުދިން ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް