ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ނުކުރުމަށް ސަރުކާރުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް އުޒުރުތަކެއް ކަމަށް އަދާލަތު ޕާޓީ އިން ބުނެފި އެވެ.
އަދާލަތު ޕާޓީ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ބަންދުކޮށްފައި ހުންނަ ބޭފުޅަކާ އެކު މަޝްވަރާ ކުރުމަކީ އެއްވެސް ގާނުނަކާ ހިލާފު ކަމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ބޮޑެތި އިސްލާމީ އަދި ޑިމޮކުރެޓިކް ގައުމުތަކުގައި އަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ. އެހެން ކަމުން ގައުމުގައި ސުލްހަމަސަލަސްކަން ގާއިމު ކުރުމަށް ވާދަވެރި ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރުމަށް ސަރުކާރުން ދައްކާ ވާހަކަތަކަކީ އަސާސެއް ނެތް އުޒުތަކެއް ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުގެ މި އަމަލުތަކުން ބިނާކުރުވަނިވި މަޝްވަރާއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުގައި ތިއްބެވި ވެރިން ޖެހިލުންވާކަން ދޭހަވާކަމެއް ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީ އިން ބުނީ ކޮންމެ ޕާޓީއަކުން ވެސް މަޝްވަރާގައި ބައިވެރިވާނެ ފަރާތްތައް ކަނޑައެޅުމުގެ އިހުތިޔާރު އެޕާޓީއަކަށް ލިބިގެންވާނެ ކަމަށާއި އެކަމަށް ނުފޫޒު ފޯރުވުމުވަކީ ޕާޓީތަކުގެ މުސްތަގިއްލު ކަމަށް އުނިކަންލިބޭ ޑިމޮކްރެޓިކް އުސޫލްތަކާ ހިލާފުކަމެއް ކަމަށެވެ.
ސަރުކާރުން މަޝްވަރާއަށް ފުރުސަތު ހުޅުވާލުމުން އަދާލަތު ޕާޓީންނާއި އެމްޑީޕީން މަޝްވަރާގައި ބައިވެރިވުމަށް ފޮނުވި ލިސްޓުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އޮތުމުން ސަރުކާރުން ވަނީ އެދެ ބޭފުޅުން މަޝްވަރާތަކުގައި ބައިވެރި ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެއީ އެ ދެ ބޭފުޅުންނަކީ ޖަލު ބަންދެއްގައި ތިބިބައެއް ކަމަށެވެ.
ސިޔާސީ ޕާޓީތަކާއި ސަރުކާރާ އެކު ކުރެވޭ މަޝްވަރާތަކުގައި މިހާރު މަޝްވަރާ ކުރެވެމުން ދަނީ ހަމައެކަނި ޖުމްހޫރީޕާޓީ އާއެކު އެވެ. އެބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުން ބާއްވާފައިވާ އިރު ޖުމްހޫރީ ޕާޓީ އިން ވަނީ ސަރުކާރަށް ހުށައެޅި ކަންތައްތަކުގެ ތަފްސީލު ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި އެކްޓުވިސްޓުން މިނިވަން ކުރުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް