ޢީދު ފާހަގަކުރަން 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅައިފި، ތިން ރަށެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް

ބޮޑު ޢީދު ފާހަގަކުރަން ހުޅުވައިލި ފުރުސަތަށް ރަނގަޅު ތަރުހީބެއް ލިބިފައިވާކަމަށާއި ހުށަހެޅުންތައް ބަލައި ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެ...

18 May 2024 | 07:59

ބޮޑު ޢީދު ފާހަގަކުރަން ހުޅުވައިލި ފުރުސަތަށް ރަނގަޅު ތަރުހީބެއް ލިބިފައިވާކަމަށާއި ހުށަހެޅުންތައް ބަލައި ރަށްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނެފައިވަނީ މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި 25 އެޕްރީލްގައި ކުރި އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާކަމަށެވެ.

"މި ވުޒާރާގެ އިއުލާނުގައި ވާ ގޮތުން، މި ވުޒާރާގެ ފަރާތުން މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރާއްޖޭގެ ތިން ރަށެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައި، އަދި ރަށްތައް ކަނޑައެޅުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކުރާނެ ޚަރަދުތަކާއި، އަގެއް ނުނަގައި އެރަށަކުން ކޮށްދޭނެ ކަންތައްތައް ހިމެނޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި އިއުލާނާއެކު ޕްރޮފޯޒަލްގައި ހިމެނެން ބޭނުންވާ މައިގަނޑު ބައިތައް ހިމެނޭ ލިޔުމާއި އަޟްޙާ ޢީދު ފާހަގަކުރާ ރަށްރަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ހިމެނޭ ލިޔުން އެއްކަރުދާސް ކޮށްފައިވޭ" އެ ވުޒާރާއިން ބުނެފައިވެއެވެ.

ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ހަތް ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން ނުވަ ރަށަކާއެކު ޖުމްލަ 26 ރަށަކުން ޕްރޮޕޯޒަލް ލިބިފައިވާކަމަށާއި އަދި މީގެއިތުރުން، ބައެއް ރަށްރަށުން އިއުލާނުގައިވާ ސުންގަޑީގެ ފަހުން ހުށަހެޅުންތައް ފޮނުވާފައިވީނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެ ވުޒާރާއިން އިތުރަށް ބުނެފައިވަނީ  އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމަށް ޚާއްޞަ ކޮމިޓީ އެއް އެކުލަވާލާފައިވާނެކަމަށާއި އަދި ޕްރޮޕޯޒަލްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.މަސައްކަތް ކުރަމުން ދަނީ ޕްރޮޕޯޒަލްތައް ބެލުމާއި މާކްސް ދިނުމުގެ ކަންކަން ނިންމައި، ކަނޑައެޅޭ ރަށްތަކަށް ފެށޭ ހަފްތާގެ ތެރޭގައި އެކަން އެންގުމަށް ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް