ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ "ފިކުރެއްގެ ދިރުން" ގެ އެމްޑީޕީގެ މަޖިލީސް މެމްބަރުން ޕާޓީން ވަކިވުމަކީ ރިހޭ ދަތެއް ވެއްޓުން ފަދަ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެ ފިކުރަށް ތާއީދު ކުރައްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަކިކޮށްފައި ވަނިކޮށް އިއްޔެ ނަޝީދު ފިޔަވާ ފިކުރެއްގެ ދިރުމުގެ12 މެމްބަރުން ވަނީ އެ ޕާޓީން ވަކިވެފައި އެވެ. އެ މެމްބަރުން ވަނީ ވަކިން ޕާޓީއެއް އުފައްދައި ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމާފައިވާކަން އިއުލާނު ކުރައްވާފައި އެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ އިއްޔެ އެ މެމްބަރުން ވަކިވުމުން ކުރެވުނީ ތަފާތު އިހުސާސެއް ކަމަށެވެ. އެ އިހުސާސް ބުނެދޭނަމަ އެއީ ރިހެމުންދިޔަ ދަތެއް ހެނދުނު ހޭލި އިރު ވެއްޓުން ފަދަ އިހުސާސެއް ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ މި ދުވަސް އަންނާނެކަން އެނގޭތާ ތިން ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. އެ މެމްބަރުން މަސައްކަތް ކުރެއްވީ އެމްޑީޕީގެ ރޫހާއި ކުރިއެރުމަށް ނޫން ކަމަށް ވިދާޅުވި އެވެ.
އެހެން ކަމުން އެ މެމްބަރުން ޕާޓީން ކޮންމެސް ދުވަހަކުން ވަކިވާނެ ކަން އެނގޭ ކަމަށާއި އެކަން އޮތީ ދުރުގައި ނޫންކަން ކުރިންވެސް އެނގިވަޑައިގެންނަވާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މިހާރު ކޮންމެވެސް ވަރަކަށް ޕާޓިގެ މެންބަރުން ވަކިވާނެ ކަމަށެވެ. އެކަމަކު އެއަށް ވުރެ ގިނަ މެންބަރުން ޕާޓީއަށް ވެއްދޭނެ ކަމަށެވެ.
ވަކިވި މެމްބަރުން ޕާޓީއަށް އަލުން ވަޑައިގެންފި ނަމަ މަރުހަބާ ކިޔާނެ ކަމަށާއި އެ މެންބަރުންނާ ނުލައި ވެސް އެމްޑީޕީއަށް ރިޔާސީ އިންތިޚާބު އެއް ބުރުން ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް